CP

މިއަހަރު ފުލުހުންގެ ޚިދުމަތް ދިނުމުގައި ހާއްސަގޮތެއްގައި ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން ކޮމާންޑްތަކުގެ އިސްވެރިންނާ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

އިއްޔެ ހެނދުނު އިސްކަންދަރު ބިލްޑިންގ ކޮންފަރެންސް ރޫމުގައި ބޭއްވި މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ދެއްކެވި ވަހަކަފުޅުގައި ފާއިތުވެދިޔަ އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއްކަން ފާހަގަކުރެއްވިއެވެ. އަދި ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރުމަށްޓަކައި ފުލުހުންގެ އެކި އެކި ޑިޕާޓްމަންޓްތަކުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވައި ޑިޕާޓްމަންޓްތަކުގެ އިސްވެރިންނަށާއި މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ހަމައެއާއެކު ފެށިގެން މިދިޔަ އަހަރަކީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްވެފައިވާ އަހަރަކަށް ހެދުމަށާއި އައު އަހަރާ ދިމާކޮށް ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރުމުގައި ސަމާލުކަންދޭންވީ ކަންކަންކަމާއި ހާއްސަ ގޮތެއްގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ކުރެވެންހުރި ކަންކަމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

އެގޮތުން މި ބައްދަލުވުމުގައި އިޖުތިމާޢީ މައްސަލަތަކާއި ޓްރެފިކް މައްސަލަތުގެ އިތުރުން ޤަވާއިދާ ހިލާފަށް އުޅޭބިދޭސީންގެ މައްސަލަތަކާއި އެފަދަ މައްސަލަތަކާއި ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތްކުރުމަށާއި ފުލުހުންނާއި އެހެން މުއައްސަސާތައް ގުޅިގެން ހައްލުކުރެވެންހުރި ކަންކަން ފާހަގަކުރައްވައި، އެކަންކަން ހައްލުކުރުމުގައި އެ މުއައްސަސާތަކާއި ގުޅިގެން މަސައްކަތްކޮށްދެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް އެދިވަޑައިގެންނެވިއެވެ.

އިއްޔެގެ މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީގެ އިތުރުން ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑާއި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑާއި ނޮދަރން އޮޕަރޭޝަންސް ކޮމާންޑާއި ސަދަރން އޮޕަރޭޝަންސް ކޮމާންޑް އަދި ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސްގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.