MPS225

2016 ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ށ. ޅައިމަގުގައި އަންހެނެއްގެ މޫނަށް ކެމިކަލްކަމަށް ބެލެވޭ އެއްޗެއް ޖަހާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ދަނީ ތަހުޤީޤު ކުރަމުންނެވެ. އަދި މިމައްސަލައިގެ ތަހުޤީޤަށް ބޮޑެތި ކުރިއެރުންތަކެއް ދަނީ ލިބެމުންނެވެ.

އެގޮތުން މިމައްސަލައިގެ ތަހުޤީޤަށް ދެ މީހަކު ހައްޔަރުކޮށް، ކަން ހިނގާފައިވާ ތަހުޤީޤަށް މިހާރު ވަނީ ހޯދިފައެވެ. އަދި ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އަންހެން މީހާގެ މޫނަށް ޖަހާފައިވަނީ ލައްފިލުވާ (ބްލީޗް) ކަން އެނގިފައިވެއެވެ. ހަމައެއާއެކު މި މައްސަލައިގެ ތަހުޤީޤު ނިންމައި އަވަސް މުއްދަތެއްގެ ތެރޭގައި ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

މި މައްސަލައިގެ ތުހުމަތުގައި ޑިސެމްބަރު 24 ވަނަ ދުވަހުގެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ފިރިހެނަކާއި 21 ފިރިހެނެކެވެ.

މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް މުއްދަތު ދީފައެވެ. އެގޮތުން 23 އަހަރުގެ މީހާއަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާއިރު 21 އަހަރުގެ މީހާއަށްވަނީ 7 ދުވަހުގެ މުއްދަތެއް ދީފައެވެ.

މިފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހުޤީޤު ކުރާނެ މައްސަލަތަކެކެވެ. އަދި މިފަދަ ޢަމަލުތައް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.