cp thahuniyaa

الحمد لله رب العالمين، والصلاة والسلام على أشرف الأنبياء والمرسلين, نبينا محمد وعلى آله وصحبه أجمعين

        މިއަދަކީ އިސްލާމީ އުއްމަތަށް ވަރަށް ވެސް ތާރީޚީ ދުވަހެކެވެ. އެހެނީ، މިއީ ހިޖުރީ ސަނަތުން އަހަރެއް ނިމި، އައު އަހަރެއް ފެށޭ އުފާވެރި ދުވަހެވެ. މި ދުވަސް ހަނދާންކޮށްދެނީ އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، ފުރަ އިތުރު މައްކާ ދޫކުރައްވައި ނޫރުލެއްވިގެންވާ މަދީނާއަށް ކުރެއްވި ތާރީޚީ، މާނަހުރި ދަތުރުފުޅާ ގުޅިފައިވާ ހާދިސާއެވެ. ހިޖުރައިގެ މަތިވެރި އެ ހާދިސާއަކީ އިސްލާމީ ދައުލަތުގެ ބިންގާ މާތްވެގެންވާ މަދީނާގެ ބިމުގައި އިސްތިޤުރާރުވި ފަޚުރުވެރި މުނާސަބާއެވެ. އިސްލާމީ ޙަޟާރަތުގެ ވޮށް އެ ބިމުގައި ދިއްލި، ދުނިޔޭގެ ކަންކޮޅުތަކަށް އެ ނޫރު ހުޅުދާންވި ކުލަގަދަ އިޙްތިފާލު ވެސް މެއެވެ.

        ދިވެހިރާއްޖެއަކީ އިސްލާމީ އުއްމަތުގެ ބައިވެރިއެއްގެ ގޮތުގައި، އަދި ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމި އޮންނަތާ އަށްސަތޭކަ އެތައް އަހަރެއް ވެފައިވާ ނަސީބުވެރި ޤައުމެކެވެ. މި ކަމަށްޓަކައި އޯގާވަންތަ މާތް ﷲއަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. އަދި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ދެކަނބަލުންނަށާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒަށާއި، ދިވެހިފުލުހުންގެ އިސް މަސްއޫލުވެރީންނަށާއި، އަދި އެންމެހައި ފުލުހުންނާއި އިދާރީ މުވައްޒަފުންނާއި އެބޭފުޅުންގެ ހަންހާރަވެތި އާއިލާތަކާއި،

ދިވެހި ކޮންމެ ރައްޔިތަކަށް މި ފެށުނު ހިޖުރީ އާ އަހަރުގެ އުފާވެރި ތަހުނިޔާއާއި ހެޔޮ އެދުންތައް، ނުހަނު އިޚުލާޞްތެރިކަމާއެކު އަރިސްކުރަމެވެ.

        އަޅުގަނޑު  ދެކޭ ގޮތުގައި ހިޖުރީ އައު އަހަރެއް ދުށުމުގެ ނަސީބު އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުމަކީ އޭގައި އަޅުގަނޑުމެންގެ ވަރަށް ބޮޑެތި މަސްއޫލިއްޔަތުތަކެއް ހިމެނޭ ގޮތަށް މެދުވެރިކުރެއްވި އިލާހީ ރަޙްމަތެކެވެ. އެހެނީ މާތް ﷲ އިންސާނާ ދުނިޔެއަށް ފޮނުއްވައިފައިވަނީ އެކަލާނގެއަށް ކިޔަމަންގެން އަޅުކަންކުރުމަށާއި، ދުނިޔެ އާރާސްތުކުރުމަށެވެ. ޞުލްޙަ މަޞްލަޙަތު ކުރިޔަށް ނެރެ، ބިމުގައި ހަމަހަމަކަމާއި، އަމާންކަން ފެތުރުމަށެވެ. މިކަމުގައި ކޮންމެ މީހަކު އެމީހެއްގެ މިންވަރުން، އެމީހެއްގެ ނިސްބަތުން، އެމީހެއްގެ ދައުރު ފުރިހަމަކޮށް، ވާޖިބު އަދާކުރުމަށް ވަނީ އަންގަވައިފައެވެ.

        1438 ވަނަ އަހަރު އަޅުގަނޑުމެންނާ ބައްދަލުކުރި އިރު، އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެ މި އޮތީ،  މިނިވަން ޤައުމެއްގެ ގޮތުގައެވެ. ރަށްރަށުގައި ހިމޭންކަން، މަގުމަގުގައި  އަމާންކަން އެބަ އޮތެވެ.

         ނަމަވެސް އިސްލާމީ ބޮޑެތި ބައެއް ޤައުމުތައް މި އަދު އޮތީ އަމާންކަމެއްގައެއް ނޫނެވެ.  އެ ޤައުމުތަކުގެ ދާޚިލީ ޙާލަތު ވަރަށް ނިކަމެއްޗެވެ. ރައްޔިތުންވަނީ އިންސާނީ ކާރިސާއެއްގެތެރޭގައެވެ.

        މި ހާލަތަށް އެ ޤައުމުތައް ވެށްޓެމުން މި ދަނީ އަޅުގަނޑުމެންގެ ކުރިމަތީގައެވެ. ކަންވާ ގޮތާ ވަމުންދާ ގޮތް ދެނެގަންނާކަށް، ވިސްނައިލީމާ އުނދަގުލެއް ނޫނެވެ. އެކި ބާވަތްވާތުގެ މިނިވަންކަމާއި، ޙައްޤުތަކުގެ ނަމުގައި ބޭރުގެ ލާދީނީ ހީލަތްތެރި ނުފޫޒުތައް އެ ޤައުމުތަކަށް ވަދެގަތީއެވެ. އެ ފަރާތްތަކުން ހިންގަމުންދާ އަޑި ނޭނގޭ ހެއްލުންތެރި ފިކުރީ ހަނގުރާމައިގެ ޝިކާރަޔަކަށް ބައެއް ރައްޔިތުންނަށް ވެވުނީއެވެ. ނަތީޖާއަކީ އެންމެ ޒަމާނީ ހަތިޔާރުތަކުގެ ގޮއްވުންތަކާއި ސުންނާފަތިކުރުންތަކާ މުޅި ޤައުމު ކުރިމަތިލާން ޖެހުމެވެ. އާޚިރުގައި ދިރި ތިބުމުގެ ޙައްޤު ވެސް ގެއްލިގެން ދިޔުމެވެ. ބާކީ އޮތީ ވީރާނާކަމާއި ވިއްސިވިހާލިވުމެވެ.

        އަޅުގަނޑުމެން ދިވެހީންނަކީ މިނިވަންކަމަށް ލޯބިކުރާ ބައެކެވެ. މިނިވަން ޤައުމެއްގެ ގޮތުގައި ދެމި ތިބި ބައެކެވެ. ތާރީޚުގެ އެތައް ހާދިސާއަކަށް ބަލައިލާއިރު، ދިވެހިރާއްޖެ ބޭރުގެ ނުބައި ރޭވުންތަކުން ސަލާމަތްވެފައި ވަނީ، ދިވެހީންގެ އީމާނާއި، އިޚްލާޞްތެރި ދުޢާގެ ހަތިޔާރުންނެވެ. ކަނޑިބަޑި ސިލޭހަޔާއި، ރޮކެޓާއި ބަޒޫކާއަކުން ނޫނެވެ. ހަމަ އެހެންމެ ރާއްޖެ ބޭރު ބައެއްގެ އަޅުވެތިކަމުގެ ދަށަށް ދިޔަ ކޮންމެ ފަހަރަކު އެ ގެއްލުން ރާއްޖެއަށް ލިބިފައިވަނީ، ދިވެހީންގެ ތެރެއިން ޤައުމާއި ދީނަށް ޚިޔާނާތްތެރި ބަޔަކު ބޭރުގެ ޢަދާވާތްތެރީންގެ ހެއްލުންތެރި ރޭވުންތަކުގައި ޖެހުމުގެ ސަބަބުންނެވެ. ޚާއްޞަކޮށް ދިވެހީން އިސްވެ ބޭރުގެ ނުފޫޒުތަކަށް ދިން ދަޢުވަތުތަކުގެ ސަބަބުންނެވެ.

        ފާއިތުވި އަހަރު އަޅުގަނޑުމެން ފާހަގަކުރީ، އިނގިރޭސި ދައުލަތުގެ ޙިމާޔަތޭ ކިޔުނު އެއްބަސްވުމަށް ނިމުމެއް ގެނެސް، ރާއްޖެއަށް ހޯދި  މިނިވަންކަމަށް ފަންސާސް އަހަރު ފުރުމުގެ އުފާވެރި އިޙްތިފާލެވެ. އެ ފަހަރު އިނގިރޭސީންގެ ފިއްތުން ބޮޑު ނުފޫޒުގެ ތެރޭގައި ދިވެހި ދައުލަތް ތާށިވީ ވެސް، އަދި މާލެއާއި ދެކުނު ތިން އަތޮޅުގައި ހިނގައިދިޔަ ހިތާމަވެރި ކަންކަމުގެ އަސްލަކީ ވެސް،  ދިވެހީންގެ ބަޔަކު އެމީހުންގެ އަމިއްލަ މަޞްލަޙު ކުރިޔަށް ނެރެ، އިނގިރޭސީންގެ މަދަދަށް އެދި ކުރި، އެތައް ކަންތައްތަކެކެވެ.  މާލޭގައި ހިނގައިދިޔަ މަޝްހޫރު ބޮޑުހުޅުގެ ހާދިސާއާއި އޭގެ ފަހުން އައްޑުއާއި ފުވައްމުލަކުގައި ހިނގައިދިޔަ ރޯކުރުންތަކުގެ އަސްލަކީ ވެސް ތާރީޚު ކަށަވަރުކޮށްދޭ ގޮތުގައި އިނގިރޭސީންގެ ސީދާ މޭސްތިރިކަމުގެ ދަށުން ހިނގައި ދިޔަ ފަނާކުރުންތަކެވެ.

       ބޭރުގެ މަޝްހޫރު ސިޔާސީ މުޙައްނިކަކު އޭނާ ނިސްބަތްވާ ޤައުމު ފިޔަވައި އެހެން ޤައުމެއްގެ ނޫސްވެރިޔަކަށް ބުނެފައި ވެއެވެ. ”ތިބާއަށް އަހަރެންގެ ފިކުރާ މެދު ސުވާލު ކުރެވިދާނެއެވެ. އަހަރެންގެ ސަގާފަތާ މެދު ސުވާލު ކުރެވިދާނެއެވެ. އަހަރެންގެ ސިޔާސަތާއި ޕާޓީއާ މެދު ވެސް ސުވާލު ކުރެވިދާނެއެވެ. އެކަމަކު ތިބާއަށް އަހަރެންގެ ޤައުމާ މެދު ސުވާލުކުރުމުގެ އިޒުނައެއް ނެތް އިނގޭ އެވެ!” މާނައަކީ ޤައުމުގެ މަޞްލަޙަތަކީ، އެ ޤައުމަކަށް ނިސްބަތްވާ އެންމެންގެ ޙައްޤު ހިމެނޭ މަޞްލަޙަތެކެވެ. އެހެންވީމާ އެ މަޞްލަޙަތާ ބެހޭ ގޮތުން، އެހެން ޤައުމެއްގެ މީހަކު ބޭނުންހައި ނުބައެއް އުފައްދާން އެ ފުރުޞަތެއް ތިމަންނަ ނުދޭނަމެވެ.

        އަޅުގަނޑުމެން ފުލުހުންގެ ޒިންމާއަކީ ދިވެހި ޤައުމުގެ ދާޚިލީ ހަމަޖެހުން ދެމެހެއްޓުމެވެ. ފުލުހުންގެ ތާރީޚުގައި އެ ކަމަށްޓަކައި އެންމެ ފުރަތަމަ ބޮޑު އޮޕަރޭޝަނެއް ހިންގަން ޖެހިފައި ވަނީ ވެސް ބޭރުބައެއްގެ އަތް މައްޗަށް ދިވެހީން ދީލިގެން ގޮސް، އުފެދުނު ހަމަނުޖެހުންތަކެއްގެ ތެރޭގައެވެ. އެއީ ބުންބާ މީހުން ރާއްޖޭގައި ތިބި ދުވަސްވަރު، އެ މީހުން ކުރި ހަޅުތާލެއް ހައްލުކުރުމުގައެވެ. އެއީ ވެސް އިނގިރޭސީންގެ ރައްޔިތުންގެ ނަމުގައި އެ މީހުން ތިބިތިބުމެއްގައެވެ.

       މިއަދު ވެސްފުލުހުން މި ތިބީ އެ ގޮތުގައެވެ. އަދި ފުލުހުން ތިބުމަށް އަޅުގަނޑު އެދެނީ ވެސް އެ ގޮތުގައެވެ. ފުލުހުންގެ ހުވަޔާއި ފުލުހުންގެ ޢަޒުމާއި ފުލުހުންގެ ޤާނޫނު އަބަދާއިއަބަދު އަޅުގަނޑުމެންނަށް ހަނދާންކޮށްދޭ އުފާވެރި ވާޖިބާކީ މިއެވެ.

        ދިވެހިޤައުމުގެ ދާޚިލީ ހަމަޖެހުމަކީ މުޅި ޤައުމުގެ ހަމަޖެހުމެވެ. މި ހަމަޖެހުން ދެމެހެއްޓުމުގައި ކޮންމެ ފަރުދެއްގެ ވަފާތެރިކަން މުހިންމެވެ. ކޮންމެ ރައްޔިތެއްގެ އެހީތެރިކަން މުހިންމެވެ. ކޮންމެ ފުލުހެއްގެ ނުގުޑާނޭ ޢަޒުމާއި ސާފު އީމާންތެރިކަން ނިހާޔަތަށް މުހިންމެވެ.

        ފާއިތުވީ ތާނގައި ވެސް ރާއްޖޭގެ ދާޚިލީ އަމްނު ބެލެހެއްޓުމުގައި ދިވެހި ލޮބުވެތި ރައްޔިތުން ދެއްވި އެއްބާރުލެއްވުން ވަރަށް ބޮޑެވެ.  އެ ހީތެރިކަމަށް ނުހަނު ޝުކުރުވެރިވަމެވެ. އަދި ކުރިޔަށް އޮތްތާނގައި ވެސް އެ އެހީތެރިކަން އެދޭ ވާހަކަ ވަރަށް އުންމީދާއެކު ދަންނަވައިލަމެވެ.

        މިއީ ދިވެހީންގެ ޤައުމެވެ. ދިވެހިކޮންމެ ރައްޔިތެއްގެ ޤައުމެވެ. އެހެންކަމުން ދިވެހިޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ދިފާޢުކުރުމުގައި އަޅުގަނޑުމެން އެންމެން އެއް ޢަޒުމެއްގައި ދެމި ތިބެމާތޯއެވެ؟ ބޭރުގެ އަޑި ނުބައި ނުފޫޒުތަކުގެ ރޭވުންތައް މޭރުންވާ ހޭލުންތެރި ބަޔަކަށް ވަމާ ތޯއެވެ؟

        މި ކަމުގައި އޯގާވަންތަ މާތް ﷲ އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤު ދެއްވާށިއެވެ.

މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށިއެވެ. މި ފެށުނު ހިޖުރީ އައު އަހަރަކީ އައު އަރުތަތަކެއް އައު ކާމިޔާބީތަކެއް އައު ކުރިއެރުންތަކެއް ދިވެހިޤައުމަށް ޙާޞިލުވާނެ އުފާވެރި އަހަރެއްކަމުގައި ލައްވާށިއެވެ. އާމީން!

01 މުޙައްރަމް 1438

02 އޮކްޓޯބަރ 2016

                                      ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް