Bandidhoo awrnessssssssss

ދ. ބަނޑިދޫ ޕޮލިސް ސްޓޭޝަނުން އެރަށު ސްކޫލުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޖުލައި މަހުގެ 22 ވަނަ ދުވަހުގެރޭ ބަނޑިދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ސެޝަނަކީ ދ.ބަނޑިދޫ ރަށު ކައުންސިލާއި ބަނޑިދޫ ސުކޫލާ އަދި ހެލްތު ސެންޓަރުގެ އެދުމުގެ މަތިން ފުލުހުން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.

ގިނަ ޢަދަދެއްގެ ބެލެނިވެރިން ބައިވެރިވި މި ސެޝަންގައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކާއި ގުޅޭގޮތުންނާއި މަސްތުވާތަކެތީގެ ނުރައްކާތެރިކަމާއި މަސްތުވާތަކެތި ބޭނުންކުރާ މީހުން އެކަމުން ދުރުކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާއި މަސްތުވާތަކެތީގެ މައްސަލަތަކަށް ކަނޑައެޅިފައިވާ އަދަބުތަކާއި ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. މީގެއިތުރުން މަސްތުވާތަކެތީގެ ޤާނޫނާއި ބެހޭގޮތުންވެސް މި ސެޝަންގައި ވަނީ މަޢުލޫމާތު ދީފައެވެ.

މީގެއިތުރުން ބަނޑިދޫއަކީ މަސްތުވާތަކެތީގެ މައްސަލަތައް މަދުރަށަކަށްވުމާއެކު އެގޮތުގައި ރަށް ބޭއްވުމަށްޓަކައި ކުރެވިދާނެ މަސައްކަތްތަކާއި މަސްތުވާތެކެތީގެ ވަބާއިން ކުޑަކުދިންނާއި ޒުވާނުން ސަލާމަތްކުރުމަށްޓަކައި ކުރެވިދާނެ  މަސައްކަތްތަކާއި އަދާކުރެވިދާނެ ޒިންމާތަކާއި ގުޅޭގޮތުންވެސް މަޢުލޫމާތު ދީފައިވެއެވެ.

ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި މި ސެޝަންގައި ބަނޑިދޫ ސްކޫލުގެ 60 ބެލެނިވެރިޔަކު ބައިވެރިވެފައިވާއިރު މި ސެޝަންގައި މަޢުލޫމާތު ދީފައިވަނީ ބަނޑިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނެވެ.

 އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ދަނީ އެރަށްރަށުގެ ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި ޒުވާނުންގެ އިތުރުން ރަށުގެ ރައްޔިތުންނާއި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހޭލުންތެރިކުރުމުގެ ގޮތުން ސިލްސިލާކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.