
الحمد لله رب العالمين، والصلاة والسلام على خاتم الأنبياء والمرسلين، سيدنا محمد وعلى آله وصحبه أجمعين
ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާން މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޙްމަދު ޡުހޫރު، ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އެ ފަރާތްތަކުގެ ފުރާނަ ޤުރުބާން ކޮށްފައި ވާ ފުލުހުންގެެ ލޮބުވެތި އާއިލާތަކުގެ އެންމެހާ ބޭފުޅުން. ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީ، އެގްޒެކެޓިވް އޮފިސަރުން، އޮފިސަރުން، އެންމެހާ ފުލުހުން އަދި މުވައްޒިފުން، މި ރަސްމިއްޔާތު ދުރާގާތުން ބައްލަވާ އަދި އަޑު އައްސަވަމުންގެންދަވާ އެންމެހާ ބޭފުޅުން.
السلام عليكم
އާދެ މި ވަގުތު އަޅުގަނޑު ހުއްޓި މި ހުރީ އެއް މާނައެއްގައި ވަރަށް ހިތާމަވެރި ފިޔަވަޅެއްގެ މަތީގާ. އަނެއް މާނައެއްގައި ވަރަށް އުފާވެރި ފިޔަވަޅެއްގެ މަތީގާ. ސަބަބަކީ މި ރަސްމިއްޔާތުގައި އަޅުގަނޑުމެން އާކުރަން ޖެހިފައި ވާ ޒިކުރާ. އެ ޒިކުރާއާ ގުޅިފައި ވާ ޙަޤީޤަތްތައް. އޭގެ މާނަ ހުރި ސަބަބުތައް.
ފުލުހުންގެ ޔުނީފޯމު އަޅާ ހިނދުން ފެށިގެން ކޮންމެ މީހަކުވެސް އެ އިޖާބަދެނީ ވަރަށް މަތިވެރި ގޮވާލުމަކަށް. ދީނާއި ޤައުމުގެ ޙައްޤުގައި ފުރާނައިން ޤުރުބާން ވާންވެސް ޖެހިދާނެ ގޮވާލުމަކަށް. އަމިއްލަ ނަފުސަށްވުރެ މުޖުތަމަޢުގެ މަޞްލަޙަތު ކުރިޔަށް ނެރުވާނެ ގޮވާލުމަކަށް. ޤާނޫނު ނަގެހައްޓައި ޤާނޫނު ދިފާޢުކޮށް ޤާނޫނުގެ ބާރު ހިންގުމުގައި ފިދާވާން ތައްޔާރަށް ހުންނަންޖެހޭ ގޮވާލުމަކަށް.
ބ.ހިތާދޫ / ނަސީމީވިލާ ޕޮލިސް ކޯޕްރަލް އަލްމަރުހޫމް މިސްބާޙް ޢަބްދުﷲ މި ގޮވާލުމަށް އިޖާބަ ދެއްވި
އޭނާ ޝަހީދުކޮށްލެވިފައި ވަނީ، 2013 ވަނަ އަހަރުގެ ޖޫން މަހު 1 ވަނަ ދުވަހު. އޭރު އޭނާ ހުންނެވީ މަގުމަތީގެ އަމާންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތުގައި ޗެކްޕޮއިންޓެއްގާ. އެހެން ހުންނަވަނިކޮށް ބާރު ދުވެލީގައި ދުއްވައިފައި އައި ސައިކަލަކުން ޖައްސައި އޭނާ ޝަހީދުކޮށްލެވުނު.
ކ.ކާށިދޫ / ކެތި ޕޮލިސް ސަރޖަންޓް އަލްމަރުހޫމް އާދަމް ޙަލީމް މި ގޮވާލުމަށް އިޖާބަ ދެއްވި
އޭނާ ޝަހީދުކޮށްލެވުނީ 2012 ވަނަ އަހަރުގެ ޖުލައި 23 ވަނަ ދުވަހު. އެއީ ޙުކުމެއް ތަންފީޒު ކުރަން ގޭބަންދުކޮށްފައި ހުރި މީހަކު އަމުރާ ޚިލާފަށް ނިކުމެ އުޅެނިކޮށް އެނބުރި ގެޔަށް ދިޔުމަށް އޭނާއަށް ނަސޭހަތްތެރިވުމުން.
ވ.ރަކީދޫ / ނަރުގިސްވިލާ ޕޮލިސް ކޮންސްޓަބަލް އަލްމަރުހޫމް ޔޫސުފު ޒަމީރު މި ގޮވައިލުމަށް އިޖާބަދެއްވި
އޭނާ މިދުނިޔެއާ ވަކިވެދިޔައީ 2007 ވަނަ އަހަރުގެ މާޗް 13 ވަނަ ދުވަހު ޑިއުޓީއަށް ދިޔުމަށް ޓަކައި މާލެއިން ފުރައިންގެ ކުރަމުން ދިޔަ ކަނޑުދަތުރެއްގެ މަތީ، ހިނގި އެކްސިޑެންޓެއްގާ.
ލ.ފޮނަދޫ / ޗާނދަނީމާގެ އަލްމަރުހޫމް ޕޮލިސް ލާންސް ކޯޕްރަލް ޢަލީ ނާޡިމް މި ގޮވާލުމަށް އިޖާބަދެއްވި
އޭނާ މިދުނިޔެއާ ވަކިވެދިޔައީ 2006 ވަނަ އަހަރު ނޮވެމްބަރު މަހު 22 ވަނަ ދުވަހު. އެއީ ކަނޑުމަތީ ޙާލުގައި ޖެހުނު ބަޔަކު ސަލާމަތްކުރަން އޭނާ ކުރި ދަތުރެއްގެ ތެރޭގައި ހިނގި އެކްސިޑެންޓެއްގައި.
ވީމާ، މިއިން ކޮންމެ ބޭފުޅަކީ ވެސް ދިވެހި ރައްޔިތެއްގެ ފުރާނަ ނުވަތަ މުދާ، ނުވަތަ މަޞްލަޙަތު ރައްކާތެރިކޮށްދެއްވަން ގަދަ އަޅައި ކުރެއްވި މަސައްކަތުގެ ތެރޭގައި ޝަހީދުވި އިޚްލާޞްތެރި ހިތްވަރު ގަދަ ބަޠަލެއް. ފަޚުރުވެރިވުން ޙައްޤު ޝަޚުޞިއްޔަތެއް.
އާދެ! އަޅުގަނޑުމެން މި އާ ކުރަނީ ދިވެހިފުލުހުންގެ ޚިދުމަތުގައި ދީނާއި ޤައުމުގެ ޙައްޤުގައި އެ ބޭފުޅުންގެ ފުރާނަ ޤުރުބާން ކުރައްވައިފައި ވާ ބަޠަލުންގެ ހަނދާން. އަމިއްލަ ނަފުސަށްވުރެ އަމިއްލަ ޤައުމާ ދީނާ ރައްޔިތުންގެ މަޞްލަޙަތު ކުރިޔަށް ނެރުއްވި ވަފާތެރީންގެ ހަނދާން. ޤާނޫނު ނެގެހެއްޓުމުގައި ޤާނޫނު ދިފާޢުކޮށް ޤާނޫނުގެ ބާރު ހިންގުމުގައި ފިދާވި އިޚްލާޞްތެރި ތެދުވެރީންގެ ހަނދާން. އެ ބޭފުޅުންގެ މި ރީތި ނަމޫނާއަކީ އެ ކަމަށްޓަކައި އަޅުގަނޑުމެން އަބަދުވެސް ފަޚުރުވެރިވާނެ ހަރުދަނާ ނަމޫނާއެއް. އެ މަތިވެރި ޤުރުބާނީން އިލްހާމު ލިބިގަނެގެން އަޅުގަނޑުމެންގެ ފިޔަވަޅުތައް އެ މައްޗަށް ސީދާ ކުރާނެ ސާފު މަގެއް. ދިވެހި ޤައުމަކީ ދިވެހި ފުލުހުންގެ މުއައްސަސާއަކީ މި ފަދަ އިޚްލާޞތެރި މި ފަދަ ތެދުވެރި ދަރީން ނިސްބަތްވާ ތަނަކަށް ވުމީ ފަޚުރުވެރި އުފާވެރި ޙަޤީޤަތެއް.
އާދެ ދިވެހިރާއްޖެއަކީ އަމާން ޤައުމެއް. ރައްކާތެރިކަން އޮތް ޤައުމެއް. އަމާންކަމަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅޭ ޤައުމެއް. އަހަރަކު އެތައް މިލިޔަން ބަޔަކު ރާއްޖެއައިސް ގޮސް ވެވެނީ މި އަމާންކަން މި ބިމުގައި އޮތީމާ. މި އަމާންކަން ދަމަހައްޓާ ބަޔަކު ތިބީމާ. އެކަމަށް އެދޭ އެ ކަމަށް ތަރުޙީބު ދޭ ރައްޔިތެއް ވެސް އޮތީމާ. އެ ރައްޔިތުންނަކީ ދިވެހި ރައްޔިތުން. ދިވެހި ކޮންމެ ފުލުހަކީ ވެސް މި ދެންނެވި ރައްޔިތުންގެ ތެރެއިން އެކެއް. އެއީ ވަކި ޔުނިފޯމެއްގައި ހުރި ވަކި ހުވައެއްގެ މަތީގައި ހުރި، ވަކި ޚާއްޞަ މަސްއޫލިއްޔަތުތަކެއް އޭނާގެ ކޮނޑުގައި އުފުލައުފުލައި ހުރި ދިވެހިރައްޔިތެއް. ތަފާތަކީ މިއީ.
މި ދެންނެވި ޒިންމާގެ ތެރޭގައި އަދި މި ދެންނެވި މަސްއޫލިއްޔަތު އުފުލުމުގެ ތެރޭގައި ފުލުހު މީހާ ހުންނަ އިރު، އޭނާއަށް ވަރަށް ދަތި އުނދަގޫ ވަގުތުތަކާ ދިމާވާނެ. އޭނާ އަބަދުވެސް ހުންނަނީ ރައްޔިތުންގެ މަޞްލަޙަތަށްޓަކައި ކަމަށް ވާތީ. ކަންކަން ހައްލުކުރުމުގައި އެއްރަޔިތަކު އަނެއް ރައްޔިތަކާ މެދު ދެކޭ ނަޒަރުގެ ސަބަބުން ވެސް މި ދަތި ކުރިމަތިވެދާނެ. މިސާލެއް ދަންނަވައިލާނަން.
މާލެއަކީ މިއަދު ދުއްވާ އެއްޗެހި ގިނަ ބައިބޯ ރަށެއް. މިސާލަކަށް ތޮއްޖެހިފައި އޮތް މަގެއްގެ އެއްކޮޅުގައި އޮތް ކާރަކީ ބަލިމީހަކު ގޮވައިގެން ރާއްޖޭން ބޭރަށް ފުރަން އެއަރޕޯޓަށް ދާ ކާރެއް. އަނެއްކޮޅުގައި އޮތީ ބަލިމީހަކު ގޮވައިގެން ހޮސްޕިޓަލަށް ދާ ކާރެއް. މިތަނުން ކާކުތޯ ކުރިން ފޮނުވަންވީ. ކާކަށް ތޯ ފުލުހު މީހާ އިސްކަން ދޭންވީ؟
ދެ ކޮޅުގައި ވެސް ދިވެހި ދެ ފަރުދުން. މެދުގައި ފުލުހު މީހާ. މި ފަދަ އެތައް ކަމެއް ދުވާލެއްގެ މަތީ އެތައް ގޮތަކަށް ފުލުހުންނަށް ދިމާވޭ. ޤާނޫނާއި ޤަވާޢިދުތަކުގެ ތެރެއިން މި ފަދަ ކޮންމެ ޙާލަތެއްގައި ކޮންމެ ފުލުހަކު ވެސް އެ ފުލުހެއްގެ ވިސްނުމަށް އިލްހާމުވި އެންމެ ރަނގަޅު ޙައްލެއް ކޮންމެ ދަނޑިވަޅެއްގައި ވެސް ރައްޔިތުންނަށް ހޯދައިދޭ. އެކަމަށްޓަކައި އެތައް ރައްޔިތުންނެއް އުފާ ކުރޭ. ނަމަވެސް ކޮންމެ މައްސަލައެއްގައި ވެސް ތިމާ އެދޭ ގޮތް ނުވާ ފަހަރު އެ ގޮތަށް ކަންތައް ދިމާވި މީހާގެ ހިތުގައި ދަތިކަމެއް އުފެދުމަކީ އިންސާނީ ޠަބީޢަތެއް. ދެންމެ މި ދެންނެވި މައްސަލައިގައި ވެސް އެހެން ވުން ގާތް. ކޮންމެއަކަސް، މި ދެންނެވި ބުރަ މަސްއޫލިއްޔަތު ވިސްނުންތެރިކަމާއެކު އުފުއްލަވާ ފުލުހުންނަށާއި އަދި ފުލުހުންގެ މި ޚިދުމަތަށް ވާގިވެރިވާ ލޮބުވެތި ދިވެހިރައްޔިތުންނަށް މި ފުރުޞަތުގައި ވެސް ވަރަށް އުފަލާއެކު ޝުކުރު ދަންނަވަން.
އާދެ! ވަފާތެރިފުލުހުންނަކީ މުޅި އުމުރު ދުވަހު ވެސް ފުލުހުންގެ މުއައްސަސާއަށާއި ޤައުމަށް ވަފާތެރިވާނެ ބައެއް. ފުލުހުންގެ ޤާނޫނުގައި މި ކަން ވަރަށް ރަނގަޅަށް ބަޔާންކޮށްފައި އެބަ އޮވޭ. އޭނާ ފުލުހެއްގެ ގޮތުގައި ހުންނަ އިރު އޭނާގެ އަތްމައްޗަށް އަންނަ ޤައުމީ ސިއްރުތަކަކީ ވަޒީފާގެ ދުވަސްވަރު ވެސް އަދި އޭގެ ފަހުން ވެސް އެ މައްޗަށް އޭނާ ތެދުވެރިވެ އަމާނާތްތެރިވާން ޖެހޭ އެއްޗެއް. އެއީ ޤައުމުގެ ޙައްޤެއް. އެހެންވީމާ ފުލުހެއްގެ ޤައުމީ ވަފާތެރިކަން ކިރައިލެވޭ މިންގަނޑަކަން މި ކަން ވާނެ. އޭނާ ފުލުހެއްގެ ގޮތުގައި ހުރި އިރު ފުލުހުން ކަންކަން ކުރަނީ ޤާނޫނީ އިމުގެ ތެރެއިން އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށްކަމަށް ބުނެފައި އަނެއް ދުވަހު އޭނާ ފުލުހުންގެ ޔުނީފޯމު ދޫކޮށްލަން ޖެހުމުން އެ ޔުނީފޯމު ދޫކޮށްލުމަށް ފަހު، ދެން ފުލުހުންގެ ޤުރުބާނީގެ ޙުރުމަތްކަނޑައިލައި ފުލުހުން ބަދުނާމު ކުރަން މަސައްކަތް ކުރާ ނަމަ، އެ ފަދަ މީހާއަކީ ހަމަ ޙަޤީޤަތުގައި ވެސް ފުލުހުންގެ މުއައްސަސާއަށް ފުލުހުންނަށް އަދި ދިވެހިޤައުމުގެ މަޞްލަޙަތަށް ވަފާތެރި ތެދުވެރި ހިތެއް އޮވެގެން ވާހަކަ ދައްކާ މީހެއް ތޯ މި އީ ސުވާލު އުފެދޭނެކަމެއް. އަދި މި ކަންކަމާ މެދު ވިސްނާ ފިކުރުކުރާ ރައްޔިތުން ސުވާލު އުފައްދާނެ ކަމެއް. ފުލުހުންގެ ޝަރަފުވެރި ޔުނީފޯމުގެ ޢިއްޒަތް ދެމެހެއްޓުމަކީ ޤައުމުގެ ޢިއްޒަތް ދެމެހެއްޓުން. ޤައުމުގެ ޢިއްޒަތް ދަމަހައްޓައި ދިނުމަށް ޤައުމު ދިވެހި ކޮންމެ ދަރިއެއްގެ ކިބައިން އަބަދު ވެސް ވަނީ އެދި އެދި.
ފުލުހުންގެ ޤުރުބާނީއަށް ބޭ އިޙްތިރާމު ކުރުމަކީ ހަމަ އެކަނި ފުލުހުންނަށް އޭގެ ހިތާމައާ ކުރިމަތިލާން ޖެހޭކަމެއް ނޫން. ފުރާނަ ގެއްލިފައި ވާ ބައެއް ފުލުހުންނާއި، ނުކުޅެދުންތެރިކަމާ ކުރިމަތިލާން ޖެހިފައި ވާ އެތައް ފުލުހުނެއް އެ ޙާލަތާ ކުރިމަތިލާން ޖެހުނު އެއް ސަބަބަކީ މި ފަދަ ނޭދެވޭ ވާހަކަތައް. އެ ވާހަކަތަކުގެ ސަބަބުން ޙަޤީޤަތް ވިސްނައިގަންނަން ދަތި ބައެއް މީހުންގެ ހިތުގައި އުފެދުނު ރުޅިވެރިކަން. އޭގެ ސަބަބުން ފުރަގަހުން އައިސް ތޫނު އެއްޗަކުން ޙަމަލާދީ ފުލުހަކު ޝަހީދުކޮށްލެވުނު. އޭގެ ސަބަބުން މަގުމަތީގައި ޑިއުޓީގައި ހުއްޓައި މީހަކު ސައިކަލެއްގައި އައިސް ފުލުހެއްގެ މޭގައި ޖައްސައި އުމުރުން އެންމެ 22 އަހަރުގެ ޒުވާން ފުލުހެއްގެ ފުރާނަ ދުއްވާލި. މި އާއިލާތަކުގެ ކަރުނަ ކޮބައިތޯ؟ އެ ޒުވާން ފުލުހުންގެ އުންމީދުތައް ކޮބައިތޯ؟ މުސްކުޅި މައިންބަފައިންނާއި ހުވަފަތްވި އަނބިންނާއި ޔަތީމުވި ދަރީންނާ މެދު ހަމްދަރުދީގެ އިޙްސާސެއް ނުއުފެދޭތޯ؟ ފާޑު ކިޔާ މީހުން، ހެޔޮ އެދޭނެކަމަށް ބުނާ މީހުން، ވަޒީފާ ދޭނެކަމަށް އަޑުއުފުލާ މީހުން ކޮބައި ތޯ؟ ވީމާ އަޑު އިވޭ ގޮތާ ކަން ހިނގާ ގޮތް ވަރަށް ތަފާތު..
ދިވެހިފުލުހުން މަސައްކަތް ކުރާނީ ޤާނޫނީ އިމުގެ ތެރޭގާ. ފުލުހުންގެ ވަޒީފާއާ މެދު ކޮންމެ ފުލުހަކަށް ވެސް އިތުބާރު އޮންނާނެ. ޤާނޫނީ ޤައުމީ ވާޖިބު އަދާކުރިކަމުގެ ޢިއްޒަތާ އަގު އެ ފުލުހަކަށް އިރާދަ ކުރެއްވިއްޔާ އަބަދުވެސް ލިބޭނެ. ދިވެހިފުލުހުންގެ މުޅި ޢާއިލާ އޮތީ މި ގޮތުގާ. އަޅުގަނޑުމެން ޒިންމާގައި އެންމެ އިސް ހިސާބުން ފެށިގެން ކޮންމެ ފުލުހަކާ ހަމައަށް އިރާދަ ކުރެއްވިއްޔާ އޮތީ ގުޑުމެއް ލޮޅުމެއް ނާރާނެ މި އީމާނާ މި ޢަޒުމް. ޤައުމަށް ތެދުވެރިވުމުގެ ނިޔަތް. ރައްޔިތުންނަށް ޚިދުމަތްކުރުމުގެ މަތިވެރި ޝަަރަފު. ޤާނޫނާ ޚިލާފު ނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން.
ދިވެހިފުލުހުންގެ ޝަރަފުވެރި ޔުނީފޯމު އެޅުމުގެ ނަޞީބު ލިބިއްޖެ ކޮންމެ ދިވެހި ދަރިޔަކު މި އަމާނާތަށް އޭނާގެ މުޅި އުމުރުގައި ރައްކާތެރިވުމަކީ ރީތީ މާތް އަޚްލާޤުގެ މަތިވެރި ސިފައެއްކަން ކަށަވަރު. އެހެންކަމުން ފުލުހުންގެ ޙުރުމަތް ދަމަހައްޓަވައިދެއްވުމަށް އަޅުގަނޑު ކޮންމެ ދިވެހިރައްޔިތެއްގެ ކިބައިން އަދި ދިވެހި ފުލުހެއްކަމުގެ ޚިދުމަތަށް ނިސްބަތްވި ކޮންމެ ފަރުދެއްގެ ކިބައިން އެދެން.
މި ޒަމާނުގެ ދިރާސާތައް ބުނާ ގޮތުން ފަންސަވީސް ދަރިވަރުންގެ ކިލާސް ރޫމެއްގައި ކޮންމެ ފަސްކުއްޖެއްގެ ތެރޭގައި އާދަޔާ ޚިލާފަށް ތޫނުފިލި މޮޅު ކުއްޖެއް ހިމެނޭނެ. އަދި އެ ނޫން ގޮތްތަކަށް މިޒާޖު ތަފާތު ކުދިން ވެސް ހިމެނޭ. ވީމާ މީން އެނގެނީ ބޮޑު އާބާދީއެއްގެ ތެރޭގައި މި ތަފާތު އަދި މާ ބޮޑުވާނެކަން. އެހެންވީމާ އަޅުގަނޑު ކޮމިޝަނަރގެ މަޤާމުގައި ހުރެގެން ވާހަކަ ދައްކާ އިރު އަޅުގަނޑުގެ އިޢުތިރާފަކީ ފުލުހުންގެ ތެރޭގައި ވެސް މި ތަފާތު އޮންނާނެކަން. ހަމަ ދެރަ ގޮތަކަށް ފުލުހަކަށް ފަހަރެއްގައި ކަމެއް ކުރެވުމަކީ ވެދާނެކަމެއްކަން. ކުރެވިފައި އެބަ ހުރިވެސް މެ. މާ ކުރިއަރައިފައި ވާ ޤައުމުތަކުގައި ވެސް މި އަދު ވެސް އެ ކަންކަން އެބަ ހިނގާ. އެހެން ވީމާ، އަޅުގަނޑު ދަންނަވާނީ އިންސާނުންކަމަށް ވީތީ، ފުލުހުން އަތުން ދެރަ ކަންތައްތައް ކޮންމެ ޤައުމެއްގައި ވެސް ހިނގައިފައި ވެޔޭ. ނަމަވެސް މީގެ އަނެއް ކޮޅުވެސް އެބަ އޮތޭ. ދިވެހި ރައްޔިތުންގެ ފުރާނަޔާ މުދަލުގެ ދިފާޢުގައި ޝަހީދުވި ފުލުހުންގެ ލިސްޓެއް މި އޮތީ އެހެންވެގެންނޭ. ކަނޑުމަތީގައި ހިނގި ހާދިސާތަކުގައި އަދި އެ ނޫން ނުރައްކާތެރި ޙާލަތްތަކުގައި ރައްޔިތުންގެ ފުރާނަ ސަލާމަތްކުރަން އުޅެ، ނުކުޅެދުންތެރީންނަށް ވި ދިވެހިފުލުހުންގެ ލިސްޓެއް ވެސް އެބަ އޮތޭ. އެ ކުދީންގެ އުންމީދުތަކާއި ވޭންތަކާ އާއިލާގެ ކަރުނަޔަށް އަޅުގަނޑުމެން އިޙްސާންތެރިވަމާތޯއޭ؟ ގޯސްކޮށް ކަންތައް ކުރެވޭ މީހާއާ މެދު އެބަ ފިޔަވަޅު އަޅައޭ. ޤާނޫނު އެކަން ހަނދާން ނައްތައެއް ނުލައޭ.
ލޮބުވެތި ދިވެހިފުލުހުން. ފުލުހުންގެ ވަޒީފާއަކީ މިއަދު ދުނިޔޭގެ އެއްވެސް ތަނެއްގައި އަދާކުރަން ފަސޭހަ އުފާވެރި ވަޒީފާއެއް ނޫން. އަޅުގަނޑުމެންގެ ކޮންމެ ފުލުހެއްގެ އުފަލަކީ ﷲ ސުބުޙަނަހޫ ވަތަޢާލާގެ މައްޗަށް އަޅުގަނޑުމެން ވަކީލުކޮށް ރައްޔިތުންނަށް މި ފޯރުކޮށްދެވޭ މަތިވެރި ޚިދުމަތް. ކޯސްޓްލައިން ފިހާރައިގައި ރޯވި ދުވަހު ކިތައް ގެއިން ރައްކާތެރިތަންތަނަށް މީހުން ގެންދެވުނު ތޯ؟ ބޯފެނަށް ޖެހުނު ދުވަހު ކިތައް ރައްޔިތުންނަށް ބޯފެން ފޯރުކޮށް ދެވުނު ތޯ؟ ދުރާލައި ކަންކަން ބެލެމުން ދާތީ، ކިތައް ވައްކަން ހުއްޓުވިފައި ވޭތޯ؟ ކިތައް މާރާމާރީ ހުއްޓުވިފައި ވޭތޯ؟
ހީވާގި ލޮބުވެތި ފުލުހުން. ތިޔަ ބޭފުޅުންގެ މި ތޫނުކަމާއި މުރާލިކަމާ ޚުޝިޔާރުކަމަށްޓަކައި އަޅުގަނޑު އަބަދުވެސް ފަޚުރުވެރިވަން. ޝުކުރުވެރިވަން. އަޅުގަނޑުމެންގެ ކުރިމަތީގައި ތިޔައިން ކޮންމެ ފުލުހަކީ ބަޠަލެއް. ފަޚުރެއް. ޝަރަފެއް. މިއީ ދިވެހިރައްޔިތުންގެ ވެސް ޝުޢޫރު. ނަމަވެސް ދިވެހިރައްޔިތުންގެ ބޮޑު ޖަމާޢަތުގެ އިހަލުގައި ވެސް، މަދުން ނަމަވެސް ހުހި ހުރެދާނެ. އެކަން އަޅުގަނޑުމެން ޖެހޭނީ ބަލައިގަންނަން. އަޅުގަނޑުމެން ފުލުހުންގެ ކުރިމަތީގައި ހުރިހައި ދިވެހިރައްޔިތުން ވާނީ ހަމަހަމަ. ތާރީޚުން ސާބިތުވާ ގޮތުގައި ދިވެހިރައްޔިތުންގެ އެކުލެވުންތެރިޖަމާޢަތަކީ އަމިއްލަ މަޞްލަޙަތުގެ ކުރިޔަށް ޤައުމާއި ދީނާއި ދިވެހިންވަންތަކަން އިސްކުރާ ޚުލްޤު ހެޔޮ ބައެއް.
ޢިއްޒަތްތެރި ވަޒީރު!
އެންމެހައި ފުލުހުން!
ޝަހީދުވި ބައެއް ބޭފުޅުން އަޅުގަނޑުމެންނާ ވަކިވެވަޑައިގަތީ، އިންސާނީ ފުރާނައާއި އިންސާނީ ކަރާމާތަށް ޙުރުމަތްތެރިކޮށް ނުހިތުނު ބައެއްގެ ނުރަނގަޅު އަމަލުތަކުގެ ސަބަބުން. މިއީ ވަރަށް ހިތާމަ ކުރި ކަމެއް. ދެރަކަމެއް. ރައްޔިތުންގެ ޙައްޤުގައި އަތްވާ ވާރޭގައި ކަނޑާ އެއްގަމުގައި ދުވަސްތައް ގުނަމުންދާ ހަށިފާރަވެރިޔާގެ ފުރާނަ ރައްޔިތެއްގެ އަތުން ނައްތައިލެވުމީ ވަރަށް ހިތްދަތި މާނަތަކެއް އެކުލެވޭ ހިތި އަސަރުތަކެއް ކުރުވާކަމެއް.
އަޅުގަނޑުމެން މުސްލިމުންގެ ޢަޤީދާއަކީ، ދީނާ ޤައުމުގެ ދިފާޢުގައި ޝަހީދުވާ ކޮންމެ ޝަހީދަކީ މަތިވެރި ނިޢުމަތުގައި ވާނޭ މީހެއްކަން. އަޅުގަނޑުމެން އަބަދުވެސް އަހަނީ މުސްލިމުންނަކީ އެއް ހަށިގަނޑެއް ފަދަ ބައެއްކަމަށް ވާން ޖެހޭކަން. އެއް އާއިލާއެއްގެ ގޮތުގައި އުޅެން ޖެހޭކަން. މަޞްލަޙަތާއި ސަލާމަތްކަމާއި އަމާންކަން އަބަދު ވެސް ކުރިޔަށް ނެރެން ޖެހޭކަން.
މާތް ﷲ މި ގޮތުގައި އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤު ދެއްވާށި! ދިވެހި ފުލުހުންގެ ތެރެއިން ޝަހީދުވި އެންމެހައި ޝުހަދާއުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި!
އާދެ ދިވެހިފުލުހުންގެ ތެރެއިން ޚިދުމަތުގައި ޑިއުޓީގައި ތިއްބައި ޝަހީދުވާ ފުލުހުންގެ ހަނދާނުގައި އަޅުގަނޑުމެން ދުވަހެއް ފާހަގަ ކުރަނީ ވަރަށް މަތިވެރި މަޤުޞަދެއްގާ. އެ ފަރާތްތަކުގެ އަގުވަޒަން ކުރަން. އެ ހަނދާންތަކުން ފިލާވަޅު ލިބިގަންނަން. އަދި އަޅުގަނޑުމެންގެ ހިތްތަކުގެ ދުޢާ އަބަދުވެސް ތަކުރާރުކުރަން. އަޅުގަނޑު ހިތުން މީ ކޮންމެހެން ވެސް އަދާކުރަން ޖެހޭނެ ވާޖިބެއް.
އިންސާނެއްގެ އެންމެ އަގު ބޮޑު ޖައުހަރަކީ އޭނާގެ ފުރާނަ. އެހެންކަމުން ޝަރުޢީ ޙައްދެއްގެ ސަބަބުން ވަކި އިސްތިސްނާއެއްގައި ވާ މީހުން ފިޔަވައި ކޮންމެ އިންސާނަކަށް ވެސް ފުރާނައަށް ބިރެއްނެތި ދިރިއުޅުމުގެ ޙައްޤު ލިބިފައި އޮންނަން ޖެހޭ.
މަތީގައި އަޅުގަނޑު މި ދެންނެވި ޝަހީދުންގެ ލިސްޓަށް ބަލާއިރު، ބައެއް ބޭފުޅުން ޝަހީދުވެފައި ވަނީ ގަސްތުގައި ދެވިފައި ވާ ޢުދުވާނީ ޙަމާލާތަކުގާ. އެހެންކަމުން ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމާއި ފުލުހުންނަށް އިހާނެތި ބަސްބުނުމާއި ފުލުހުންނަށް ހާނީއްކާކުރުމުގެ ކިތަންމެ ކުޑަ އަމަލެއްކަމުގައި ވިޔަސް އަޅުގަނޑު އެކަމެއް ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން. އަދި އެ ފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާ މެދު ޤާނޫނު ހިންގައި، ޤާނޫނީގޮތުން އެޅެންއޮތް އެންމެ ހަރުކަށި ފިޔަވަޅެއް އެޅުމަށް އަޅުގަނޑު ފަސްނުޖެހޭނެކަމުގައި ދަންނަވަން. މި ޤައުމަށްޓަކައި… މި މުއައްސަސާއަށް ޓަކައި…
ޤާނޫނުގެ އިމުގެ ތެރޭގައި ވާ ހިނދު ކޮންމެ ރައްޔިތަކަށް ފުލުހުން ފުށުން ހުރަހެއް ކުރިމަތި ނުވެ، ރައްކާތެރިކަން ލިބިގެންދާ ފަދައިން، ޤާނޫނީ ވާޖިބު އަދާކުރުމުގައި ފުލުހުންނަށް އެއްވެސް މީހެއްގެ ކިބައިން ހުރަހެއް އެޅިގެން ނުވާނެ. ހަމަ އެހެންމެ ފުލުހުންގެ ޤާނޫނީ ވާޖިބަށް އެއްވެސް ހުރަހެއް ކުރިމަތިކުރެވޭ ނަމަ، ފުލުހުން އެ ހުރަހެއް ގިރާކުރާނެކަމުގަިވެސް ދަންނަވަން.
މިރޭ އަޅުގަނޑުގެ ވަޢުދަކީ ކުރިޔަށް އޮތް ތާނގައި ފުލުހުންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި އެކި އެކި ހާނީއްކައާއި ނުކުޅެދުންތެރިކަން ލިބޭ ނުވަތަ ޝަހީދުވި އަދި ޝަހިދުވާ ފުލުހުންގެ ޢާއިލާތަކަށް ޤާނޫނީގޮތުން ލިބިދޭންޖެހޭ އެންމެހާ ވެލްފެއަރ ކަންތައްތައް ހަމަޖެއްސުމުގައި ޚާއްސަ އަހައްމިއްޔަތެއް ދޭނެ ކަމުގެ ޔަޤީންކަން ތިޔަ ބޭފުޅުންނަށް އެރުވުން.
މިރޭ އަޅުގަނޑުގެ އުފަލަކީ ދިވެހިރާއްޖޭގައި އަމާން ވެށްޓެއް ޤާއިމުކޮށް އާއްމު ރައްޔިތުންނަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ފޯރުކޮށްދިނުމަށް މާލެ އާއި އަތޮޅުތަކުގައި ފުލުހުން ކުރަމުން ގެންދާ އެންމެހާ މަސައްކަތްތަކުގެ އަގުވަޒަންކުރުން.
މިރޭ އަޅުގަނޑުގެ އިލްތިމާސަކީ ދިވެހި ރައްޔިތުންނާއި ދިވެހި ފުލުހުންނަކީ އެއް ވާ ފަށެއްގެ ދެ އުޅި ކަމުގައި ގަބޫލުކުރައްވައި ފުލުހުން ރައްޔިތުންނަށް މަދަދުވެރިވުމަށާ، ރައްޔިތުން ފުލުހުންނަށް ޤަދަރުކުރެއްވުމަށް ދެންނެވުން.
މާތް ﷲ މި ލޮބުވެތި ދިވެހި ޤައުމުގެ އަމާންކަމަށްޓަކައި އަޅުގަނޑުމެން މި ވާ ޤުރުބާނީގައި ބަރަކާތްލައްވާށި! އަޅުގަނޑުމެންނީ ހެޔޮ ބަސް އަހާ ހެޔޮ ބަސް ގަބޫލުކުރާ ބަޔަކު ކަމުގައި ލައްވާށި! ވަރަށް އަހަވަށް އަޅުގަނޑުމެންނާ މި ބައްދަލު ކުރަނީ ދިވެހިރާއްޖޭގެ 51 ވަނަ މިނިވަން ދުވަސް. މި ލޮބުވެތި ވަޠަން މިނިވަންކަން މަތީ އަބަދުމެ ލަހައްޓަވާށި! އާމީން!
والسلام عليكم
23 ޖުލައި 2016