Muzahira

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ 11 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެޕާޓީން އިންތިޒާމުކޮށްގެން މިރޭ މާލޭގައި ބޭއްވި އެއްވުން ޞުލްޙަވެރިކަމާއެކު ޝޫޢޫރު ފާޅުކުރުމަށް ފުރުޞަތުދީ އެ އެއްވުމުގެ ސަލާމަތީ  ކަންކަން ފުލުހުން ބަލަހައްޓައިފިއެވެ.

މިރޭ 21:00 ން ފެށިގެން މަޖީދީމަގު އިރުމަތީކޮޅުގައި، 170 އެއްހާ މީހުންނާއެކު ފެށި މި އެއްވުމުގެ ބައިވެރިން މާލޭގެ މަގުތަކުގައި ހިނގާލަން އެދުނުނަމަވެސް ދަތުރުފަތުރުގެ ނިޒާމަށް ބުރޫއަރައި ދުއްވާ އެއްޗިއްސާއި ހިނގައިބިނގައިވެ އުޅޭ މީހުންނަށް ކުރިމަތިވާ ދަތިތައް ޙައްލު ކުރުމުގެގޮތުން އެއްވުމުގެ ބައިވެރިން މާލޭގެ މަގުތަކުގައި ހިނގާލަން ފުރުޞަތު ދީފައެއް ނުވެއެވެ.

މާލޭގެ މަގުތަކުގައި ހިނގަން ފުރުޞަތު ދީފައި ނުވިނަމަވެސް ފުލުހުން ވަނީ މިއެއްވުމުގެ ބައިވެރިން ޞުލްޙަވެރިކަމާއެކު ތިބެ ޝުޢޫރު ފާޅުކުރުމަށް ފުރުޞަތު ދީފައެވެ. އަދި އެއްވުން ކުރިޔަށްދިޔަ ވަގުތު ފުލުހުން ވަނީ އެ ސަރަޙައްދުގެ މަގުތައް ބަންދުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި އެއްވުމުގެ ސަލާމަތީ ކަންކަން ބަލަހައްޓާފައެވެ.

މިރޭގެ 23:30 ހާއިރު މިއެއްވުން ނިންމާލިއިރު 350 ހެއްހާ މީހުން ތިއްބެވެ. މިއެއްވުން ކުރިޔަށް ދިޔައިރު އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ. އަދި މި އެއްވުމުގައި ފުލުހުން ބާރުގެ ބޭނުންކޮށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވެއެވެ.

މިރޭގެ އެއްވުން އަމާން އޮމާންކަމާއެކު ކުރިޔަށް ގެންގޮސް އަދި އެއްވުން ކުރިޔަށްދިޔަ ވަގުތު އެސަރަޙައްދުގެ މަގުތައް ބަންދުކޮށްފައި އޮތްވަގުތުވެސް ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބިގެންދިޔަ އެއްބާރުލެއްވުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ޝުކުރު ދަންނަވަމެވެ.