Umar

ކުރިޔަށް އޮތް 2017 ވަނައަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ  ރަށެއްގައި ފުލުހުންގެ ޚިދުމަތް ފަށައި ފުލުހުން ތިބޭ ގޮތަށް ހަމަޖައްސަން މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އޮނަރަބްލް ޢުމަރު ނަޞީރު ވިދާޅުވެއްޖެެއެވެ.

ދ. މީދޫގައި ފުލުހުންގެ ޚިދުމަތް ޤާއިމްކޮށް ފުލުހުންގެ މަރުކަޒު މީދޫގައި ހުޅުވުމަށްފަހު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކޮށް ފުލުހުން ތިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސުލްޖުމުހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްް ޤައްޔޫމުގެ ސަރުކާރުގެ މެނިސްފެސްޓޯގައި ހިމެނިގެން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރައްވާ ކަމެއް ކަމަށެވެ. އެކަމަށް ރައީސުލް ޖުމުހޫރިއްޔާ ޚާޢްޞަ އިސްކަމެއް ދެއްވާ ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ މި އަމާޒަށް ވާޞިލްވުމަށްޓަކައި މިއަހަރު ތެރޭގައިވެސް ގިނަ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ފެއްްޓެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ކުރިޔަށް އޮތް ޖޫންމަހުގެ ތެރޭގައި އިތުރު 20 ރަށުގައި ފުލުހުންގެ ޚިދުމަތް ފެށުމުގެ ތައްޔާރީތައް ނިމިފައިވާކަން މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ ފުލުހުންގެ ޚިދުމަތް ފުޅާކުރާއިރު ރާއްޖޭގެ ވެށި އަމާން ކުރުމަށްވެސް ފުލުހުން ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. މިގޮތުން މީގެ ދެތިން އަހަރު ކުރިން އަޅުގަނޑުމެންގެ ތެރޭގައި އޮތްް ނުރައްކާތެރި މާރާމާރީ ތަކާއި ތޫނު ހަތިޔާރުން ބިރުދެއްކުން ހުއްޓުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ފެންނަންފަށާފައިވާކަން ފާހަަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ ރޭވިގެން ހިނގާބޮޑެތި ކުށްތައް ހުއްޓުވައި ޤާނޫނީ ގޮތުން އަަޅަންޖެހޭ ފިޔަވަޅު އަޅަމުންގެންދާ ކަމަށެވެ.

މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ މިފަދަ ހެޔޮ ބަދަލު ފެނިގެންދާއިރު އެކަމާ ބޮޑާވެ، ފުލުހުންނާއި ސަރުކާރު މިތިބެނީ ހިތްހަމެޖި ފަސްޖެހިގެން ނޫން ކަމަށާއި މި ޤައުމުގައި ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓަން ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އަލަށް ގެންނަންޖެހޭ ޤާނޫނުތައް ގެނެސްގެންވެސް ކުރަންޖެހުނު ކޮންމެ މަސައްކަތެއް ފަސްނުޖެހި ކުރައްވަމުން ގެންދަވާނެ ކަމަށެވެ. އަދި އެމަސައްކަތްް ފުރިހަމަ ކުރުމުގައި ކުރިމަތިވާ ކޮންމެ ހުރަހެއް ނައްތަަވާ ލައްވަން މަސައްކަތް ކުރައްވާނެ ކަމަށްވެސް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވި މި ސަރުކާރުގެ 5 އަހަރު ނިމިގެންދާއިރު މުޅި ރާއްޖޭގައި ކުށުގެ ބިރުވެރިކަން ކުޑަކޮށް، އަމާންކަން ޤާއިމް ކުރުމަށް ފުލުހުންް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާވާ ކަމަށެވެ. މިގޮތުން އިޖުތިމާޢީ ގިނަ ޕްރޮގްރާމް ތަކާއި ބްލޫޒް ފޮރ ޔޫތު ކޭމްޕާއި ރެޑީ ކޭމްޕްފަދަ ޙަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންގެންދާކަމަށާއި އެފަދަ ޕްރޮގްރާމްތަކުގެ ނަތީޖާ ފެންނަމުންދާކަމަށް ޤަބޫލު ކުރައްވާކަމަށް ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ މީދޫގައި ފުލުހުންގެ ޚިދުމަތް ޤާއިމް ކުރެވިގެންދިއުމާއެކު ރައްޔިތުން އެދުނުފަދަ އަމާން މާޙައުލެއް މީދޫގައި ޤާއިމް ކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.