މޮނިކޮން އަމުރު ނެރެފައިވާ އިތުރު 3 މީހުން
މޮނިކޮން އަމުރު ނެރެފައިވާ އިތުރު 3 މީހުން

ޤާނޫނު ނަމްބަރު 2015/32، ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ފަދައިން 3 މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެން ހޯމް މިނިސްޓަރު ނިންމެވުމާ ގުޅިގެން އެ 3 މީހުންގެ މައްޗަށް މޮނިކޮން އަމުރު ދިވެހިރައްޖޭގެ ހައިކޯޓުން ނެރެ އޭގެ ތެރެއިން އެކެއްގެ ފައިގައި ޓެގް އަޅުވައި އަނެއް 2 މީހުންގެ ފައިގައި ޓެގް އެޅުވުމަށް އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މިފަހަރު މޮނިކޮން އަމުރު ނެރެފައިވާ 3 މީހުންނަކީ ގއ. ވިލިނގިލި، ހަނދުވަރުދޭގެ، އަޙްމަދު ފިރާޝް (32އ) އާއި، ސ. ހިތަދޫ، އުދާސް، އަޙްމަދު މުޙައްމަދު (30އ) ގެ އިތުރުން ގއ. ކޮނޑޭ، ދާރުލްޤަރާރު، ޢަބްދުﷲ ނާޞިޙް (20އ) އެވެ. މި މީހުންގެ ތެރެއިން ގއ. ކޮނޑޭ، ދާރުލްޤަރާރު، ޢަބްދުﷲ ނާޞިޙް (20އ) ގެ ފައިގައި މިހާރު ވަނީ ޓެގް އަޅުވާފައެވެ. އަނެއް 2 މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މޮނިކޮން އަމުރުނެރެން ހޯމި މިނިސްޓަރ ނިންމެވުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުން ނެރުނު މޮނިކޮން އަމުރުގެ ދަށުން މީގެ ކުރިން 11 މީހެއްގެ ފައިގައި ވަނީ ޓެގް އަޅުވާފައެވެ. މިފަހަރު އަމުރު ނެރުއްވާފައިވަނީ 3 މީހެއްގެ މައްޗަށެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން މޮނިކޮން އަމުރު ނެރުމަށް ހޯމް މިނިސްޓަރ ނިންމަވައި ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރު ނެރެފައިވާ 3 މީހުންނަކީ ރާއްޖޭގައި ބޮޑެތި ކުށްތަކެއް ތަކުރާރުކޮށް އެމީހުންގެ އަމަލުތަކުގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެފައިވާ ބައެކެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން ނެރުއްވާފައިވާ މޮނިކޮން އަމުރުގައި މި 03 މީހުން މޮނީޓަރކުރުމުގެ ގޮތުން ރޭގަނޑު 20:00 އާއި ހެނދުނު 06:00 އާ ދެމެދު ގެއިން ބޭރަށް ނުދިއުމާއި، މޯލްޑިވްސް ޕޮލިސް ސާވިސް އިން އަންގައިފިނަމަ މޮނިކޮން އަމުރު ނެރެފައިވާ ފަރާތް ދިރިއުޅޭ ތަނުގައި އުޅޭ މީހުންގެ ނުވަތަ އުޅޭނެ މީހުންގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސާވިސްއަށް ދިނުމަށް ވަނީ އަ މުރުކޮށްފައެވެ. މީގެ އިތުރުން މިނިސްޓަރުގެ ހުއްދަ ނެތި މާލެއިން ފުރައިގެން ނުދިއުމާއި، އަމުރުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކަކަށް ނުދިއުމާއި، އެމީހުންގެ މާލީ މުއާމަލާތްތަކާއި މުދާ ކޮންޓްރޯލްކުރުމުގެ ގޮތުން ފިޔަވަޅު އެޅުމާއި، އެމީހުން މުއާސަލާތީ މުއާމަލާތްތައް ކޮންޓްރޯލްކުރުމާއި، ފުލުހުންގެ މަރުކަޒަށް ހާޒިރުވެ ސޮއިކުރުމާއި، އިލެކްޓްރޯނިކް އާލާތްތައް އެމީހުންގެ ހަށިގަނޑުގައި ނުވަތަ ދިރިއުޅޭތަނުގައި ހަރުކުރުމާއި އެމީހެއްގެ ފޮޓޯއާއި ދިރިއުޅޭ ތަންތަނުގެ ފޮޓޯއާއި އެމީހެއްގެ ފިންގަރ ޕްރިންޓްފަދަ ސާމްޕަލްތައް ނަގައި އެމީހުން މޮނީޓަރކޮށް ކޮންޓްރޯލްކުރުމަށް އަމުރުކުރައްވާފައިވެއެވެ.

މޮނިކޮން އަމުރު ހިންގާ މީހުންގެ ކަންކަން ބަލަހައްޓައި މޮނިޓަރ ކުރެވޭނެ ހަރުދަނާ ނިޒާމެއް ފުލުހުންގެ މުއައްސަސާގައި ވަނީ ޤާއިމް ކޮށްފައެވެ. މިގޮތުން މި މީހުންނަށް މި އަމުރުގެ ދަށުން ކަނޑައަޅާފައިވާ ކަންކަން ފުރިހަމަ ކުރުންމަތީ ދެމިތިބޭތޯ ބަލައި ދުވަހުން ދުވަހަށް އަދި ވަގުތުން ވަގުތަށް އެކަންކަން ބެލެހެއްޓިގެން ދާނެއެވެ.