ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް

الحمد لله رب العالمين، والصلاة والسلام على خاتم الأنبياء والمرسلين، سيدنا محمد وعلى آله وصحبه أجمعين

ދިވެހި ފުލުހުންގެ 83 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވޭ، މި ޚާއްޞަ ރަސްމިއްޔާތުގެ ޢިއްޒަތްތެރި ޝަރަފުވެރި މެހުމާނު، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް.

 މިނިސްޓަރ އޮފް ހޯމް އެފެއަރޒު އޮނަރަބްލް ޢުމަރު ނަޞީރު. ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރީން. ފުލުހުންގެ މުއައްސަސާގެ ފަޚުރާ ވިންދުކަމުގައި ވާ، ހިތްވަރު ގަދަ، ޚިދުމަތްތެރި ތިޔަ އެންމެހައި ފުލުހުން… އަދި ފުލުހުންކަމުގައި ނުހިމެނޭ މި މުއައްސަސާގެ އިދާރީ އެންމެހައި ޚިދުމަތްތެރީން.  މިރަސްމިއްޔާތު ބައްލަވައި، އަޑު އައްސަވާ އެންމެހައި އަޚުންނާ އުޚުތުން.

السلام عليكم ورحمة الله وبركاته

އާދެ! މިއީ ދިވެހިފުލުހުންގެ ޚިދުމަތުގެ 83 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވޭ ޚާއްޞަ ރަސްމިއްޔާތު. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވަޑައިގެން ދެއްވިކަމަށްޓަކާ، ޢިއްޒަތްތެރި ރައީސަށް އަޅުގަނޑުގެ އަމިއްލަ ނަމުގައްޔާ، ދިވެހި އެންމެހައި ފުލުހުންގެ ނަމުގައި، ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާޔާ ޝުކުރު ދަންނަވަން. ފުލުހުންގެ ޚިދުމަތް ހަރުދަނާކޮށް، ޕްރޮފެޝަނަލް މުއައްސަސާއެއްގެ ގޮތުގައި މި މުއައްސަސާ ތަރައްޤީ ކުރެއްވުމަށް، މަނިކުފާނުގެ ޒަޢާމަތުގައި މިހާރު ފަށްޓަވައިފައި ވާ މަޝްރޫޢުތަކަށްޓަކާ، މި ޝުކުރު ފަށްފަށްކޮށްލަން.

ހަމަ މި ފިޔަވަޅު މަތީގައި އަޅުގަނޑުމެންގެ މިހާރުގެ ހޯމް މިނިސްޓަރ އޮނަރަބްލް ޢުމަރު ނަޞީރުގެ ނަންފުޅު ފާހަގަކޮށްލަން. ދުނިޔޭގައި ތަޢާރަފުވެފައި ވާ ފުލުހުންގެ ޒަމާނީ އާ ގޮތްތަކަށް ދިވެހިފުލުހުންނާ މުއައްސަސާ އަހުލުވެރިކުރެއްވުމަށް، މަނިކުފާނު ތިޔަ ދެއްވާ އިސްކަމާ، އެހީތެރިކަމާ އޭގެ ހެޔޮ ނަތީޖާ، އަޅުގަނޑުމެން އެބަ ދެކެމު. ޝުކުރިއްޔާ ޢިއްޒަތްތެރި މިނިސްޓަރ

ހިތްވަރުގަދަ ދިވެހި ފުލުހުން

ދިވެހިފުލުހުންގެ 83 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ތިޔަ އެންމެހައި ފުލުހުންނަށާއި ފުލުހުންގެ ޢާއިލާތަކަށް ދުވަހުގެ ތަހުނިއާޔާ، މުބާރަކް ބާދީ އަރިސްކުރަން. މި ހެޔޮ އެދުމުގެ ޝުޢޫރުގައި، ފުލުހުންގެ ޚިދުމަތުން މިހާރު ވަކިވެވަޑައިގެންފައި ވާ ޢިއްޒަތްތެރީން ވެސް ޝާމިލު ކުރަން. އަދި ފުލުހުންކަމުގައި ނުހިމެނޭ މި މުއައްސަސާގެ އިދާރީ އެންމެހައި ޚިދުމަތްތެރީންނަށް ވެސް ހޫނު މަރުޙަބާއެއް ދަންނަވަން.

ހަމަ މިނޭވާގައި ފުލުހުންގެ ވާޖިބު އަދާކުރުންމަތީ ވަނިކޮށް، ޝަހީދުވެ، މި ދުނިޔެ ދޫކުރައްވައިފައި ވާ ފުލުހުންގެ ޒިކުރާ އާކުރަން. އެ ވަފާތެރި މުޖާހިދުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށި! އާއިލާތަކަށް ކެތްތެރިކަން ދެއްވާށި!

ފުލުހުންގެ ޚިދުމަތް ތަރައްޤީވުމާ މައްސަލަތައް ކާމިޔާބުވުމުގައި ދިވެހިލޮބުވެތި ރައްޔިތުން ދެއްވާ އެއްބާރުލެއްވުމާ އެހީތެރިކަން ވަރަށް ބޮޑު ދައުރެއް އަދާ ކުރޭ. އެހެންކަމުން ފުލުހުންގެ ޚިދުމަތަށް ތިޔަ ދެއްވާ ތަރުޙީބާއި އެއްބާރުލެއްވުމަށްޓަކާ ލޮބުވެތި ދިވެހި އެންމެހައި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރުދަންނަވަން.

ޖަލްސާގެ އެންމެހައި ހާޒިރީން

 ލޮބުވެތި އެންމެހައި ރައްޔިތުން

2004 ވަނަ އަހަރު ސިފައިންނާ ފުލުހުން ވަކި ވިއިރު، ދިވެހިފުލުހުންގެ އަދަދު، އެކު ޖުމުލަ ހަތަރުސަތޭކަ ހަމައެއް ނުވޭ. ދުވަސްވަރަކީ މުޒާހަރާތަކާ އިޖުތިމާޢީ ފުރޮޅުންތައް ގިނަ ދުވަސްވަރެއް. އެ ދަތި ވަގުތުގައި ތަނުގެ އޮނިގަނޑުގައި ހުރި ހީނަރުކަމާއި ބަލިކަށިކަން ބޭރަށް ފާޅުވިޔަ ނުދެއްވާ،  މުޅި މުއައްސަސާ ނަގައި ކޮޅަށްޖެއްސެވި ހަރުދަނާ މޭސްތިރިއަކީ އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަޑް އާދަމް ޒާހިރު. އެހެންކަމުން ދިވެހި ފުލުހުންގެ ޒަމާނީ ތަރައްޤީގެ މޭސްތިރި، ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަޑް އާދަމް ޒާހިރަށް ޝުކުރާ ޝަރަފުގެ އަތްތިލަބަޑިއެއް ޖައްސަވައިދެއްވުން އެދެން.

އާދެ! ރިޓަޔަޑް އާދަމް ޒާހިރަކީ ކޮމިޝަނަރެއްގެ މަޤާމު އަދާ ކުރައްވައި ޚިދުމަތާ ދުރަށް ވަޑައިގަތުމަށް ފަހު ވެސް، ކުރިޔެކޭ އެއް ގޮތަށް އެ ބޭފުޅެއްގެ ފަރާތްޕުޅުން ނަމޫނާ ދެއްކެވުމުގައި ބަދަލެއް ނުވެ، އެ ގޮތުގައި ސާބިތުވެ ހުންނެވި އޭރަށް ވެސް މިހާރަށް ވެސް ނަމޫނާ ޝަޚުޞިއްޔަތެއް.

ޝުކުރިއްޔާ ސަރ

އާދެ!  މިރޭ ޝަރަފުގެ ޚާއްޞަ އައްޑަނަ، އެ ބޭފުޅެއްގެެ އާއިލާއާ ހަވާލު ކުރެވުނު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބްލް އަލްމަރުޙޫމު އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ނަންފުޅު ވެސް އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުން.  އެމަނިކުފާނުގެ ހެޔޮފުޅުކަން ހިތްްމައްޗަށް ގެނެސް، ޝުކުރު ބަރުތީލަކުރަން. އޯގާވަންތަ މާތް ﷲ އެމަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ ތަނަވަސް ނިޢުމަތް މިންވަރު ކުރައްވާށި!

އެންމެހައި ހާޒިރީން

އެންމެހައި ފުލުހުން

މިއަދު ދިވެހިޤައުމު އޮތީ ތަރައްޤީގެ ރޭހެއްގާ. ބަވަނަވަމުންދާ ދުނިޔެއެއްގާ. ދިވެހިޤައުމަށް ނުފޫޒުފޯރުވާން ބޭނުންވާ ނުރަނގަޅު ބާރުތަކަށް، ތަންމިނަށް ހުޅުވިފައި ވާ ޖައްވެއްގާ. ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ޤައުމުތަކުގެ އިންފާރުތައް ވަނީ ފޫ ވެއްޓިފާ. ގިނަ ބަސްތަކާ ސަގާފަތްތަކަށް ފަރިތަ މީހުން ގިނަވުމުން މިއަދު ބޭރުގެ ޢަދާވާތްތެރީންނަށް އެ މީހުންގެ ހަމަލާތަކުން ރައްޔިތުންގެ ސިކުނޑިތައް ގަޑުބަޑުކޮށްލަން ފަސޭހަ.. އަދުގެ ދުނިޔޭގައި، ވަކިން ޚާއްޞަކޮށް އިސްލާމީ ދުނިޔޭގައި މިއަދު ހިލެމުންދާ ކަރުނަޔާ، އޮހޮރެމުންދާ ލެޔާ، ހުޅުފަޅަމުންދާ އަލިފާނާ ސުންނާފަތިވަމުންދާ ގޯތި ގެދޮރަށް ބަލައިލީމާ މި ދެންނެވި އެއްޗެއް ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް ތަސްވީރު ވާނެ. މިއިން އަޅުގަނޑުމެން ވިސްނައި އިބްރަތް ލިބިގަންނަންވި ކަންކަން އެބަ އެނގޭ. އެބަ ފެނޭ. ނަމަވެސް ހިތާމަޔަކީ މި ކަންކަމަށް ބައެއް ފަހަރަށް އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ވިސްނައިނުލެވޭކަން. އަމިއްލަ މިނިވަންކަމާ އަމާންކަމަކީ ކިހައިވަރެއްގެ ނިޢުމަތެއްކަން އިޙްސާސް ނުކުރެވޭކަން. ނުރުހުމެއް އުފެދޭ ކޮންމެ ފަހަރަކު އަމިއްލަ ޤައުމުގައި ކޮޅުފައިން ޖަހައި، ބޭރު ބައެއްގެ އުނގަށް ވެއްޓިގަނެވޭކަން.

ލޮބުވެތި ދިވެހިރައްޔިތުން

ލޮބުވެތި ދިވެހި އެންމެހައި ފުލުހުން

ދިވެހިތާރީޚުގައި ބަދަލު ނުވެ އަބަދު އެއް ގޮތަކަށް ދެމި އޮންނަ ޙަޤީޤަތެއް ފެންނަން އެބަ އޮތް. އެ ޙަޤީޤަތާ މެދު ވިސްނާލައިފައި ކޮށްލަން ޖެހޭ ސުވާލަކީ ދިވެހިރާއްޖެ މިނިވަންޤައުމެއްގެ ގޮތުގައި ދެމި އޮންނަނީ ކީއްވެ ބާއޭ؟  ދުނިޔޭގެ ބޮޑު އެއްވެސް ޤައުމަކުން ރާއްޖެއާ ޢުދުވާނީ ތޮޅުމެއް ތޮޅެފި ނަމަ، އެ ކަން މަތަކޮށް ނާކާމިޔާބު ކޮށްލެވޭނޭ  ފަދަ މާއްދީ ޤާބިލުކަމެއް  އެއްވެސް ޒަމާނެއްގައި މުޅި ރާއްޖޭގެ ނިސްބަތުގައި އަޅުގަނޑުމެންނަށް ލިބިފައެއް ނެތް. އެކަމަކު ޕޯޗުގީޒުން އައިމާ، އައި ދިމާއަށް އެ މީހުން ފައްސައިލެއްވިއްޖެ. ހޮޅިން އައިމާ އެ މީހުންގެ އޮޑިތައް ބައްސައިލެވިއްޖެ. ވޯރާވިޔާފާރިވެރީން  ދިވެހި ބިމަށް މޫލަމުން ދަނިކޮށް އެވެރީން  ލުއްސައިލެވިއްޖެ. ޕިޗޯރީންގެ ބަޔަކު  މާލެއާ ޙަމަލާދޭން އައި ފަހަރު އެ މީހުން ބުރުއްސައިލެވިއްޖެ. އިނގިރޭސީންނާ، ތަމަޅައިންނާ، މި ފަދަ އެތައް ބައެެއްގެ މަކަރާ ހަމަލާތަކަށް ފަހު ވެސް، މިނިވަންކަމާ، ރާއްޖޭގެ ސިޔާދަތާ، އިސްތިޤުލާލު، ރައްކާތެރިކަމާއެކު އަނބުރާ ލިބިއްޖެ. ސުވާލަކީ މިހެން މި ވަނީ ކީއްވެ ހޭ؟ ޖަވާބަކަށް، ހަމަ އެކަނި މާތް ﷲގެ އޯގާވަންތަކަމޭ، އަޅުގަނޑުމެންގެ ހިތްތަކުގައި ވާ އީމާންކަމުގެ ދިފާޢުގައި މި ކުރެވޭ މިންނެތް މަސައްކަތަށް  އެ ކަލާނގެ ދެއްވާ މަތިވެރި ނަޞްރޭ  ދެންނެވުން ފިޔަވައި، އެހެން އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުފެނުނު. އެހެނީ އިބުނު ބަޠުޠާ ވެސް،  ރާއްޖެއާ ބެހޭ ގޮތުން ލިޔުއްވައިފައި ވަނީ، މި ރަށްތަކުގައި އުޅޭ މީހުންގެ ހަތިޔާރަކީ އެމީހުންގެ ދުޢާއޭ.

ޢިއްޒަތްތެރި ރައީސް

ލޮބުވެތި ދިވެހިރައްޔިތުން

ހިތްވަރު ގަދަ ދިވެހި އެންމެހައި ފުލުހުން

އަޅުގަނޑާ މި މަސްއޫލިއްޔަތު ހަވާލުވިތާ އަދި މާ ގިނަ ދުވަހެއް ނުވޭ. ނަމަވެސް ހަވާލުވީ ދުވަހުން ފެށިގެން އަޅުގަނޑު މި ދަނީ މަސައްކަތްތަކެއް ކުރަމުން. މި ކަމުގައި އަޅުގަނޑަށް އެހީތެރިވެދެއްވާ އެންމެހައި އެގްޒެކެޓިވް އޮފިސަރުންނަށާ، އަަދި އާންމުކޮށް އެންމެހައި ފުލުހުންނާ، ޚިދުމަތުގައި ތިއްބެވި އާންމު މުވައްޒަފުން، ތިޔަ ދެއްވާ އެއްބާރު ލެއްވުމަށްޓަކައި ޝުކުރު ދަންނަވަން. އެއާ އެކު މިހާތަނަށް އަޅުގަނޑުމެންނަށް ޙާޞިލުކުރެވިފައި ވާ ކަންކަމާ، ބައެއް އުންމީދުތައް، ތިޔަ ބޭފުޅުންނާ ހިއްސާކޮށްލަން ބޭނުން.

އަޅުގަނޑާ މި މަސްއޫލިއްޔަތު ހަވާލުވުމުން އަޅުގަނޑު އެންމެ ފުރަތަމަ ވެސް ބެލީ، އަދި ބަލަމުން މި ދަނީ، މުއައްސަސާގެ ޚިދުމަތް އެކަށޭނަ ގޮތުގައި ފޯރުކޮށް ދިނުމުގައި ހުރި ދަތިތަކަކީ ކޮބައިތޯ؟  ކޮންމެ ފުލުހަކީ ޕްރޮފެޝަނަލް ފުލުހެއްކަމުގެ ކަށަވަރުކަން ލިބިގަތުމަށްޓަކައި އިތުރަށް ކުރަންވީ ކޮންކޮން ކަންކަމެއްތޯ؟ ހަމަ އެހެންމެ ފުލުހުންގެ ގޮތުގައި ޚިދުމަތުގެ ސަފުގައި މި ތިއްބެވި ފަހުލަވާނުންނަށް، ހުރި މުހުތާދުތަކަކީ ކޮބައިތޯ؟ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރަނގަޅު ޚިދުމަތެއް ދެވޭނީ އެ ޚިދުމަތް ދޭން ތިބި ފަރާތްތަކަށް ޢިލްމާ ހުނަރާ އުފާވެރިކަމާ  ހިތްހަމަ ޖެހުން ގެނެސް ދެވިގެން.  ސުލޫކާ އަޚުލާޤު މަތިވެރިވެގެން. ރަނގަޅު މޭވާ، ގަހުން ލިބެނީ އެ ގަހުގެ މަދު، ރަނގަޅު ނަމަ!

ފުލުހުންނަށް ބޯހިޔާވަހިކަމުގެ ދަތިކަން އެބަ ހުރި

އެކަށޭނަ ވަސީލަތްތައް ނެތުމުގެ ދަތިކަން އެބަ ހުރި

އަސާސީ ބައެއްކަންކަމުގައި ދެވޭ ޢިނާޔަތްތައް ހަމަހަމަ އުސޫލަށް ގެންނަން ޖެހިފައި އެބަ ހުރި.

ނަޒާހާތްތެރިކަމާ ޒިންމާއާ މަސްއޫލިއްޔަތު އަދާކުރުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ދުނިޔޭގެ އެހެން ފުލުހުންގެ މުއައްސަސާތަކުގައި ވެސް މެދު ނުކެނޑި ހިންގަމުންދާ ޕްރޮފެޝަނަލް ޕްރޮގްރާމުތައް އަޅުގަނޑުމެން ވެސް އަޅުގަނޑުމެންގެ ފުލުހުންނަށް ހިންގައިދޭން ޖެހޭ. ޕްރޮފެޝަނަލް ފުލުހެއްކަމުގެ ދަލީލަކީ ޚިދުމަތުގެ ރޫޙާ އިސްނެގުމާ ޒިންމާދާރުކަން ކަށަވަރުވުން.

އާދެ! މީގެ އިތުރަށް، ރައީސުލްޖުމްހޫރިއްޔާއާ ދިވެހިރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވެވަޑައިގަތުން ކަމުގައިވާ ހުށަހަޅޭ މައްސަލަތައް ދިގުދެމިގެން ދިޔުން ފާހަގަ ކުރެވިފައި އެބަ ހުރި.

މި ކަންކަމަށް ބަލާއިރު، ފުލުހުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށްޓަކައި ބިނާ ކުރެވެމުންދާ ފުލެޓުގެ މަސައްކަތް މިހާރު އެދަނީ ކުރިޔަށް.

މައްސަލަތައް ލަސްވުމުގެ އެއް ސަބަބަކަށް ޒަމާނީ ވަސީލަތްތައް އެކަށީގެންވާ މިންވަރަށް ނެތުން ހިމެނޭ. މިކަމަށް ހައްލު ގެނައުމަށްޓަކައި ދިވެހި ސަރުކާރުން މިހާރުވަނީ އަޅުގަނޑުމެންނަށް ބޭނުންވާ ވަސީލަތްތައް ހޯއްދަވައި ދެއްވުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިފާ. ބައެއް މިހާރު އެވަނީ ލިބިފާ.

ޚިދުމަތްތެރި ފުލުހުން

ފުލުހުންގެ ވެލްފެއަރ ކަންތައްތައް ރަނގަޅު ކުރުމުގެ ގޮތުން ސަރުކާރުގެ ހަސްފަތާލުތަކުން ފުލުހުންނަށް ދެމުންގެންދާ ބޭސްފަރުވާގެ ޚިދުމަތާ ގުޅިފައިވާކަންކަން މިހާރު ވަނީ އިތުރަށް ބަލައި އިޞްލާޙު ކުރެވިފާ. އެ ގޮތުން ކުރިން ނޮންކޮމިޝަންޑް އޮފިސަރުންނަށް ނުލިބޭ ބައެއް ޚިދުމަތްތައް މިހާރުވާނީ ކޮމިޝަންޑް އޮފިސަރުންނެކޭ އެއްގޮތަށް އެއްހަމައަކުން ލިބޭނެގޮތް ހަމަޖައްސާފާ.  އިންޓްރެސްޓާ ނުލައި މުވައްޒަފުންނަށް ދޫކުރެވެމުންދާ ލޯނު ދެވޭ މުވައްޒަފުންގެ އަދަދު ވެސް މިހާރުވަނީ އިތުރު ކުރެވިފާ. އޮޕަރޭޝަނަލް މަސައްކަތުގައި ހަރަކާތްތެރިވާ ހުރިހާ ފުލުހުންނަށް ބޭނުންވާ ސޭފްޓީ ގިޔަރުތައް މިހާރުވަނީ އައުމުގެ މަގުމަތީގާ.

އަޅުގަނޑު ދެކޭ ގޮތުގައި ފުލުހުންގެ މުއައްސަސާގެ ކުރިއެރުމާ ރައްޔިތުންނަށް ދޭ ޚިދުމަތް ރަނގަޅު ކުރުމަށްޓަކާ ހަމަ ކޮންމެ ފުލުހެއްގެ ޚިޔާލުވެސް މުހިއްމު. އެކަމަށްޓަކާ މިހާރު ވާނީ، ސީދާ އަޅުގަނޑަށް ޚިޔާލުތައް ފޮނުވޭ ގޮތަށް ”އާސްކް ޔުއަރ ކޮމިޝަނަރގެ” ނަމުގައި ޚިދުމަތެއް ތަޢާރަފް ކުރެވިފާ.

ފުލުހުންގެ ޕްރޮފެޝަނަލިޒަމް ހަރުދަނާވުމަކީ ފުލުހުންގެ މުއައްސަސާގެ ޚިދުމަތަށް ރަައްޔިތުންގެ އިތުބާރު ލިބި، ފުލުހުންގެ ޢިއްޒަތާއި ޤަދަރު އުފުލޭނެ ހަމައެކަނި މަގު. އޭރުން ނުރަނގަޅުކަންކަމަށް ތުހުމަތުގެ އިނގިލި ދިއްކުރި ފަރާތްތަކުން، ފުލުހުންނަށް ތާރީފުކޮށް ސާބަހުގެ އަތްތިލަބަޑިޖާނެ. އެހެންކަމުން ފުލުހުންގެ ޕްރޮފެޝަނަލިޒަމް ހަރުދަނާކޮށް، އިންސާނީ ވަސީލަތްތައް ބިނާކޮށްް، ޢިލްމާ ހުނަރާ އަޚުލާޤަށް އަހުލުވެރިކުރުވުމަށްޓަކައި މި ދަނީ ޕްރޮގްރާމުތައް އެކަށައަޅައި ރާވައި، ހިންގަމުން. މި ޕްރޮގްރާމުގެ ތެރޭން މި ދިޔަ ބުރާސްފަތި ދުވަހު، ފުލުހުންގެ ހުރިހައި އެގްޒެކްޓިވް އޮފިސަރުންނަށް ޕްރޮފެސަރ ޙަސަން ޢުޤައިލް ވެސް، ވަނީ ސެމިނާރެއް ހިންގަވައިދެއްވައިފާ.

ޢިއްޒަތްތެރި ރައީސް

ހީވާގި ފުލުހުން

ލޮބުވެތި ރައްޔިތުން.

މައްސަލަތައް އަވަހަށް ނިންމުމަށް ވަސީލަތްތައް ހޯދުމުގެ އިތުރަށް ކަންކަން އިދާރީ ގޮތުން ބަލައި ބެލެހެއްޓުމުގެ ނިޒާމެއް މިހާރު ވަނީ އުފެއްދިފާ. މިހާރު ކޮންމެ މައްސަލައެއް ވެސް ހުށަހެޅުމުން އެކި މުއްދަތުގެ ތެރޭގައި އެ މައްސަލަ އެކި ލެވެލްގެ ވެރީންނާ ހަމައަށް އުފުލެމުންދާ ގޮތް ވަނީ ހަމަ ޖެހިފާ. ގުޅައިލެވިފައި ވާ ކޮންޕިޔުޓަރ ވިޔުގަޔަކުން މައްސަލައިގެ ތަފުޞީލުތައް ބެލެން ހުންނާނެ. އެ ނިޒާމު އަމިއްލައަށް އެލާމް އަޅައި، އޮޓޮމެޓިކުން ވެސް ކަމާބެހޭ އޮފިސަރުގެ ސަމާލުކަމަށް އެ މައްސަލައެއް ގެންނާނެ. ދެ މަސްދުވަސް ވާއިރު ނުނިމިއްޖެ ނަމަ ކޮންމެ މައްސަލައެއް ވެސް ސީދާ އަޅުގަނޑާ ހަމައަށް އަންނާނެ.  މި ބަދަލު ގެނެވުމުން އޭގެ ނަތީޖާ ވަރަށް ރަނގަޅު. ކުރީގައި 137 ދުވަހުން އާންމުކޮށް ނިމުނު ބާވަތްބާވަތުގެ މައްސަލަ، މިހާރު އާންމުކޮށް 36 ދުވަހުގެ ތެރޭގައި ނިމޭ. ފާހަގަ ކޮށްލެވޭ ކަމަކީ މި އަވަސްކަން މަސައްކަތުން ފާހަގަ ކުރެވުނު އިރު، ހަމަ ކުރިއެކޭ އެއްވަރަށް އެ އަދަދަށް އެ ފަދަ މައްސަލަތައް ބަލައި ޕްރޮސިކިއުޓު ކުރެވެމުން ދާކަން.

ލޮބުވެތި ރައްޔިތުން

މީ ދިވެހި މުޖުތަމަޢު. މުޖުތަމަޢެކޭ ކިޔެނީ އެންމެން ޝާމިލްވާ ގޮތަށް. އެކަކު ވެސް ބާކީ ނުވާ ގޮތަށް. އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ބޭނުންވަނީ މި މުޖުތަމަޢަކީ އަމާން މުޖުތަމަޢެއްކަމުގައި ވުމަށް. އެހެންކަމަށް ވާ ނަމަ، ކުށްމަދުކޮށް މުޖުތަމަޢު އަމާންކަން މަތީ ބޭއްވުމުގެ ޒިންމާއާ މަސްއޫލިއްޔަތަކީ ހަމަ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް. މަސްއޫލިއްޔަތެއް. ފުލުހުންގެ ދާއިރާއިން އަޅުގަނޑުމެން އެބަ މަސައްކަތްތަކެއް ކުރަމު. އޭގެ ތެރޭން އެންމެ އިސްކަން ދޭ އެއް ކަމަކީ ކުށެއް އުފެދުމަށް ފުރުޞަތު ނުދިނުން. ކުށްވެރި އަމަލެއް ހިންގުމަށް އޮންނަ ފުރުޞަތު ދުރައިލައި ބަންދު ކުރެވޭތޯ ބެލުން. ރާއްޖޭން ބޭރުން އަންނަ މެހުމާނުންނަށް، އަޅުގަނޑުމެން އާންމު ރައްޔިތުންނަށް ލިބޭ އަމާންކަމުގެ އަސްލަކީ މިއީ. މި ޙަރަކާތުގެ ތެެރޭން ކުށާ މެދު މީހުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުތައް ހިންގޭ. އޭގެތޭގައި ފުރާވަރު ކުދީންނަށް ހިންގޭ ބްލޫސް ފޯރ ޔޫތު ޕްރޮގްރާމް. މާލެއާ ރަށްރަށުގައި ހިންގޭ ޓްރެފިކް މައްސަލަތަކާ ބޭހޭ ޕްރޮގްރާމުތައް. މަސްތުވާތަކެއްޗާއި، ކުޑަކުދީންގެ ކަރާމާތަށް އަރައިގަތުމުގެ މައްސަލައަށް އާންމުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމުތައް ހިމެނޭ. މިކަންކަމުގެ ފުރިހަމަ ނަތީޖާ ލިބޭނީ މުޅި މުޖުތަމަޢު ޒިންމާވެގެން.

ހަމަ އެންމެ މިސާލެއް ދަންނަވައިލާނަން. ޓެކްސީ ދުއްވާ ޑްރައިވަރުންނަށް ކްލާހެއް ހިންގައިފައި ފުލުހުންނަށް ބުނެވިދާނެ. ފެހި ބޮކި ދިއްލުނީމަ ކާރު ދުއްވާލަން. އެ ޑްރައިވަރުން އެ ގޮތަށް އަަމަލުވެސް ކޮށްފާނެ.

އެކަމަކު އެ ވަގުތު ކުޑަ ދަރިފުޅު އިނގިލިކުރީލައިގެން، މަންމަޔަކު މަގު ހުރަސްކުރަން ދިމާ ކޮށްފިއްޔާ ދެން ވާނީ  ކިހިނެއްތޯ؟ ގިނަ މައްސަލަތައް ދިމާވަނީ މި ފަދައިން އުސޫލުތަކަށް އާންމުންނަށް ފަރުވާތެރި ނުވެވޭތީ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ތަނެއްގެ އަމާންކަން ބިނާވެފައި އޮންނަނީ ހަމައެކަނި ޤާނޫނު ތަންފީޒު ކުރެވޭ ފެންވަރެއްގެ މައްޗަކަށް ނޫން. އޭގެ ބަދަލުގައި އެކަން ބިނާވެެފައި އޮންނަނީ އެ ތަނެއްގައި ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތޭ މިންވަރެއްގެ މައްޗަށް.

ލޮބުވެތި ދިވެހިރައްޔިތުން

ލޮބުވެތި ދިވެހި އެންމެހައި ފުލުހުން

އަޅުގަނޑުގެ އިލްތިމާސަކީ ހަމަ ކޮންމެ ފުލުހަކީ އޭނާގެ ވާޖިބު އަދާކުރުމުގައި ޕްރޮފެޝަނަލް ފުލުހެއްކަން ކަށަވަރުކޮށްދިނުން.

އަޅުގަނޑުގެ އަމާޒަކީ ދިވެހި ފުލުހުންގެ ތަޙްޤީޤުކުރުމުގެ ދާއިރާ ޒަމާނާ އެކަށޭނަ ގޮތުގައި  ތަރައްޤީކުރުން.

އަޅުގަނޑުގެ ޢަޒުމަކީ ކުށުގެޢަމަލަށް ވުރެ، ރައްކާތެރިކަމުގެ ފިޔަވަޅު ކުރިޔަށް އެޅިފައިވާ ޚިދުމަތަކަށް، ދިވެހިފުލުހުންގެ ޚިދުމަތް ހެދުމާ، އެކަމުން ދިވެހިފުލުހުންނަށާ، ހަމަ ކޮންމެ ފަރުދަކަށް މުޖުތަމަޢުގައި ހިތްހަމަޖެހުމާއި އަމާންކަމާ އިތުބާރު ޔަޤީންކޮށް އެރުވުން.

ލޮބުވެތި ދިވެހިރައްޔިތުން

ލޮބުވެތި ދިވެހި އެންމެހައި ފުލުހުން

އަޅުގަނޑު ދަންނަވައިލެވޭތޯ މި ބެލީ މައިގަނޑު ތިން ވާހަކައެއް. ފުރަތަމަ ވާހަކައަކީ  ދިވެހިފުލުހުންގެ މުއައްސަސާ އުފެދިގެން އައީ އިޚްލާޞްތެރިކަމާއި ޤުރުބާނީއާ މިންނަތުންނޭ. ވީމާ، މި މުއައްސަސާ ދެމެހެއްޓޭނީ އަދި ދަމަހައްޓަން ބޭނުންވަނީ އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާ މަތިވެރި ހިންމަތުންނޭ!

ދެވަނަ ނުކުތާއަކީ، ދިވެހިރައްޔިތުންނަށް ޚިދުމަތް ކުރުމާއި ރައްޔިތުން ޙިމާޔަތްކުރުމަކީ އަޅުގަނޑުމެންގެ އުފަލެކޭ. އަދި ތިޔައިން ކޮންމެ ފުލުހެއްގެ މުސްތަޤުބަލަށްޓަކައި ރަނގަޅު ފުރުޞަތުތައް ފަހިކޮށްދީ، އެ ކަމަށްޓަކައި އާ މަގުތައް ހޯދުމުގައި އަޅުގަނޑުމެން ވަރުބަލިވުމެއް ނެތި މަސައްކަތް ކުރާނަމޭ.

އަޅުގަނޑުގެ ތިންވަނަ ނުކުތާއަކީ، މާތްވެގެންވާ އިސްލާމްދީނާ، ދިވެހިޤައުމަށް ޣައްދާރުވި އެއްވެސް މީހަކަށް، ދިވެހި ތާރީޚު އުފާވެރި ނަތީޖާއެއް ދައްކައިދީފައެއް ނެތޭ. ވީމާ، މާތްވެގެންވާ އިސްލާމްދީނުގެ އަސާސްމަތީ ސާބިތުވުމުގެ ޤާބިލުކަން އަޅުގަނޑުމެންގެ ހިތްތަކުގެ އީމާނުގައި ފިސާރިޔަކަށް ހަރުލައްވަން ޖެހެޔޭ.

އޯގާވަންތަ މާތް ﷲ މި ގޮތުގައި އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤު ދެއްވާށި! ދިވެހީން ދިވެހީންގެ ގޮތުގައި މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށި! ދިވެހިފުލުހުންނަކީ ދީނާ ޤައުމާ ރައްޔިތުންނާ ވެރީންނަށް ވަފާތެރިބަޔަކުކަމުގައި ލައްވާށި آمين.

މި ސައްތައިން ސައްތަ އިސްލާމީ ދިވެހިރާއްޖޭގެ ފުލުހެއްކަމުގައި ވީތީ އަޅުގަނޑު ފަޚުރުވެރިވަން!

السلام عليكم ورحمة الله وبركاته