ނޫސްވެރިންގެ ހައްގުތައް ހޯދުމަށްކަމަށްް ބުނެ މާލޭގައި މިއަދު ބޭއްވި އެއްވުމުގެ ތެރެއިން ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ސަލާމަތީ ގޮތުން ފުލުހުން ޖަހާފައިވާ ބެރިކޭޑްތައް ހުރަސްކޮށް، ޤާނޫނީ ގޮތުން އެއްވުން މަނާ ސަރަޙައްދަކަށް އެއްވެ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ޤާނޫނާ ޚިލާފު ޢަމަލުތައް އެފަރާތްތަކުން ކުރުމުންނެވެ.

މިއަދުގެ އެއްވުމާއި ގުޅިގެން 19 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ. މިއަދުގެ އެއްވުމުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ 7 އަންހެނުންނާއި 12 ފިރިހެނުންނެވެ.

މިއަދުގެ އެއްވުމުގައި ނޫސްވެރިން ޚިޔާލު ފާޅުކުރުމަށް ފުލުހުން ފުރުޞަތު ދީފައިވަނިކޮށް އެއްވުމުގެ ބައިވެރިންވަނީ ސަލާމަތީ ގޮތުން ފުލުހުން ބަހައްޓާފައިވާ ބެރިކޭޑް ހުރަސްކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކައިރިއަށް ދާން މަސައްކަތް ކޮށްފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭ ސަރަޙައްދަކީ ޤާނޫނީ ގޮތުން އެއްވުން މަނާ ސަރަޙައްދެއްކަން އެނގިތިބެ އެސަރަޙައްދަށްގޮސް މިއަދުގެ އެއްވުމުގެ ބައިވެރިން ވަނީ ރައީސް އޮފީސް ކުރިމަތީ އެއްވެގެން ތިބެ އިޙްތިޖާޖް ކޮށްފައެވެ. އަދި އެސަރަޙައްދު ދޫކޮށް ދިއުމަށް ތަކުރާރުކޮށް އެންގުމުންވެސް އެސަރަޙައްދުން ނުގޮސް އެއްވުމުގެ ބައެއް ބައިވެރިން ވަނީ ފުލުހުންގެ ދައުރަށް ހުރަސް އަޅާފައެވެ.

މީގެ އިތުރުން، މިއަދުގެ އެއްވުން ހުއްޓުވަން ފުލުހުން މަސައްކަތް ކުރަން ފެށުމުން އެއްވުމުގައި ބައިވެރިވި ބައެއް މީހުން ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންނާ ކުރިމަތިލާން މަސައްކަތް ކޮށްފައެވެ. އަދި އެއްވުމުގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ދިއުމަށް ތަކުރާރުކޮށް ފުލުހުން އެންގުމުންވެސް އެ ސަރަހައްދުން ގޮސްފައިނުވާތީ ފުލުހުން ވަނީ ހާލަތާ އެކަށޭނަ އެންމެ ކުޑަ މިންވަރުގެ ބާރުގެ ބޭނުންކޮށް އެއްވުމުގެ ބައިވެރިން އެ ސަރަހައްދުން ފޮނުވާލާފައެވެ.

މިއަދު ހިނގައިދިޔަ ޙާދިސާއަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންތަކުން ބޭރުން އަދި ނޫސްވެރިކަމުގެ ޕްރޮފެޝަނަލް މަސައްކަތުގެ ބޭރުން ގެންދިޔަ ޙަރަކާތެއްގެ ތެރެއިން ހިނގި ޙާދިސާއެއް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ދެކެމެވެ. އަދި މިއީ ނޫސްވެރިކަމުގެ ކަންކަން ބަލަހައްޓަން ޤާނޫނީ ގޮތުން ޙަވާލުކޮށްފައިވާ މުއައްސަސާތަކުން މިފަދަ ކަންކަމުގައި ޒިންމާދާރު ގޮތެއްގައި މަސައްކަތް ކޮށްފިނަމަ ހުއްޓުވޭނެ ކަންކަން ކަމުގައިވެސް މޯލްޑިވްސް ޕޮލިސް ސާވިސްއިން ދެކެމެވެ.

މިފަދަ ޙާދިސާތައް ކުރިމަގުގައި ތަކުރާރު ވިޔަ ނުދިނުމަށް މީޑިއާގެ ޒިންމާދާރު ފަރާތްތަކުންނާއި މީޑިއާތަކުން މަސައްކަތްކޮށްދެއްވައި މުޒާހިރާ ކުރުމާއި އިޙްތިޖާޖް ކުރުމުގެ ބަދަލުގައި މަޝްވަރާ ކޮށްގެން ކަންކަމަށް ޙައްލު ހޯދުމަށް ހުރިހާ ފަރާތްތަކުންވެސް އިސްކަން ދެއްވުމަށް މިފުރުޞަތުގައިވެސް އިލްތިމާސް ކުރަމެވެ.