MPS2

މަސްތުވާތަކެތީގެ ނުރައްކާތެރި ބާއްވަތެއްކަމުގައިވާ ސިންތެޓިކް ކެތިނޯންސް (ބާތު ސޯލްޓްސް ނުވަތަ ކްލައުޑް ނައިން) އާ ގުޅުވައިގެން އެކި ފަރާތްތަކުން އެކި ގޮތްގޮތަށް ވާހަކަތައް ދެކެވި، ރައްޔިތުންގެ ހިތްތަކުގައި އެކަމުގެ ނުތަނަވަސްކަން އޮތުމާއެކު ދަންނަވަމެވެ.

ސިންތެޓިކް ކެތިނޯންސް (ބާތު ސޯލްޓްސް ނުވަތަ ކްލައުޑް ނައިން) ރާއްޖެއަށް އެތެރެކޮށް ބޭނުންކޮށްފައިވާކަން މިހާތަނަށް ފުލުހުންގެ ތަހުގީގު ތަކަށް ފާހަގަކުރެވިފައެއް ނުވެއެވެ. އަދި އެފަދަ މަސްތުވާ ތަކެތީގެ ބާވަތެއް ރާއްޖެއަށް އެތެރެކޮށް ބޭނުންކޮށްފައިވާ ކަމުގެ އެއްވެސް ރިޕޯޓެއްވެސް ފުލުހުންނަށް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ދާދިފަހުން ފުލުހުންނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ 2 މައްސަލަ ކަމުގައިވާ، 2016 މާރޗް 2 ވަނަ ދުވަހު މާލޭގެ މިސްކިތެއްގައި ހުރި މީހެއްގެ ކަންފަތުގައި ދަތްއަޅައި ޒަޚަމްކޮށް ކަންފަތުން ބައެއް ވަކިކޮށްލުމުގެ މައްސަލައިގެ އިތުރުން 2016 މާރޗް 4 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީގައި ކާރު ޑްރައިވަރެއްގެ އަތާއި ބޮލުގައި ދަތް އަޅައި ޒަޚަމްކޮށްލި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 2 މީހުންގެ ތެރެއިން އެކަކުވެސް އެފަދަ ޑްރަގެއް ބޭނުން ކޮށްފައިވާކަން ފުލުހުންގެ ތަޙްލީލުތަކުން ނުދައްކައެވެ.

އެހެންކަމުން، ސިންތެޓިކް ކެތިނޯންސް (ބާތު ސޯލްޓްސް ނުވަތަ ކްލައުޑް ނައިން) ބޭނުންކޮށްފައިނުވާކަން އަދި އެ ޑްރަގް ބޭނުންކޮށްފައިވާ މީހެއްގެ ފުށުން މިހާތަނަށް އެއްވެސް މީހަކަށް ރާއްޖޭގައި އަނިޔާއެއް ލިބިގެންގޮސްފައި ނުވާކަމުގެ ޔަޤީންކަން ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރުވަމެވެ.

އަދި ދަންނަވަމެވެ. ސޮސައިޓީ ފޮރ ނިއުރޯސައިންސްގެ 2014 ވަނަ އަހަރުގެ އަހަރީ ބައްދަލުވުމުގައި ހުށަހަޅާފައިވާ ކަރުދާހެއްގައިވާ މައުލޫމާތަށް ބަލާއިރު ބާތު ސޯލްޓްސް ބޭނުންކުރުމާ “މިނިމަސް ކެއުމަށް ބޭނުންވުމާ” ގުޅުމެއް ވާކަމަކަށް ނުބެލެވެއެވެ.