މިއަދު 16:00 އިން ފެށިގެން 18:10 އާ ހަމައަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިން ކޮރަޕްޝަނާ ދެކޮޅަށް ކުރިއަށް ގެންދިޔަ އެއްވުން ވަނީ އެއްވެސް ހަމަނުޖެމަކަށް ނުގޮސް ސުލްހަވެރިކަމާއެކު ނިންމާލާފައެވެ.

މި އެއްވުމުގައި މަގުތަކަށް ނުކުމެ މަގުމަތީގައި އެއްވުން ކުރިއަށް ނުގެންދެވޭނެކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއެކު އިއްޔެ ފުލުހުން ބޭއްވި ބައްދަލުވުމުގައި އަންގާފައިވީ ނަމަވެސް އެއްވުމުގެ ބައިވެރިން ވަނީ މަޖީދީމަގާއި ބޮޑުފުންގަނޑު މަގު ގުޅުނު ކަންމައްޗާ ހަމައަށް، މަޖީދީމަގަށް ނުކުމެ އެއްވުން ކުރިއަށް ގެންގޮސްފައެވެ.

ފުލުހުންގެ އެންގުމާ ޚިލާފަށް އެއްވުމުގެ ބައިވެރިން އެ ސަރަހައްދުގައި އެއްވުން ކުރިއަށް ގެންގޮސްފައިވީ ނަމަވެސް، އެއްވުމުގެ ބައިވެރިން ފަހަތަށް ޖައްސައި އެއްވުމާ ދެކޮޅަށް އެއްވެސް ވަރަކަށް ބާރުގެ ބޭނުން ކޮށްފައެއް ނުވާނެއެވެ. އޭގެ އިތުރުން، ފުލުހުންވާނީ މި އެއްވުމަށް އެއްބާރުލުން ދީ، އެއްވުމުގެ ބައިވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ހަރަކާތްތެރިވެފައެވެ. އަދި، މި އެއްވުމުގައި އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވާނެއެވެ.