MPS2

ފުލުހުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ޝްރީލަންކާގެ 27 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މައްސަލަ ދަނީ ތަޙުޤީޤު ކުރަމުންނެވެ.

އިސްވެ ދެންނެވި މީހާ 2015 އޮކްޓޫބަރު 24 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ހަތިޔާރުގެ ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އަވަހާރަކޮށްލަން މަސައްކަތްކުރުމުގެ ތުހުމަތުގައެވެ.

މިމައްސަލާގައި މިހާތަނަށް ލިބުނު މަޢުލޫމާތަށް ބަލާއިރު ޝްރީލަންކާގެ އެ މީހާ ރާއްޖެ ގެނެސްފައިވަނީ އެމީހާއަށް ދިވެހިންގެ ބަޔަކު ފައިސާދީގެންކަން ތަޙުޤީޤަށް ވަނީ އެނގިފައެވެ. އަދި އެމީހާއި ޙަވާލުކޮށްފައިވަނީ ހަތިޔާރު ބޭނުން ކޮށްގެން ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އަވަހާރަކޮށްލުމުގެ މަސައްކަތްކަންވެސް ތަޙުޤީޤަށް ވަނީ އެނގިފައެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިޔަށް ގެންދަން 15 ދުވަހުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ވަނީ ދެއްވާފައެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.