ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރަން ކުރަންޖެހޭ މަސައްކަތް ދަނީ ކުރަމުން

ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އިސްމާޢީލް ޢަލީ
IMG_8281

ފުލުހުންނަކީ ޤާނޫނު އަސާސީންނާ ޤާނޫނުތަކުން މަތިކޮށްފައިވާ ޤާނޫނީ ޒިންމާތަކަކާ ވާޖިބުތައް އަދާކޮށް ރައްޔިތުންނަށް ރައްކާތެރިކަމާ އަމާންކަން ހޯދައިދީ ރައްޔިތުންގެ މެދުގައި ޞުލްޙަ މަސަލަސްކަން ޤާއިމް ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާ ބައެކެވެ. ކުށުގެ ނުރައްކަލުން ޤައުމު ސަލާމަތްކޮށް ޤައުމުގައި އަމާން ވެއްޓެއް ޤާއިމް ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ބައެކެވެ.

ދިވެހި ފުލުހުން ކުރަމުންދާ ބުރަ މަސައްކަތުގައި ފުލުހުންނާއެކު ދެމި ތިއްބަވައި، ފުލުހުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވަނީ ލޮބުވެތި ރައްޔިތުންނެވެ. އެހެންކަމުން ރައްޔިތުންގެ ފުރިހަމަ އިތުބާރާ އިޙްތިރާމް އަދި ލޮބުވެތި ރައްޔިތުންގެ ލޯބި ފުލުހުންނަށް ލިބިގެން ދިއުމަކީ މި މަސައްކަތުގައި ދެމި ތިބުމަށް ފުލުހުންނަށް ލިބިގެންދާ އެންމެ ބޮޑު ހިއްވަރެވެ. ފުލުހުންގެ މަސައްކަތުގައި ދެއްވާ ފުރިހަމަ އެހީތެރިކަމާ އެއްބާރުލެއްވުމަށް ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު މިފުރުޞަތުގައިވެސް ޝުކުރު ދަންނަވަމެވެ.

ދިވެހި ފުލުހުން ރައްޔިތުންގެ ޚިދުމަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމިތިބެ، ދެމުންގެންދާ ޚިދުމަތާއެކު، ފުލުހުންގެ ޚިދުމަތް އިތުރަށް ތަރައްޤީކޮށް އިތުބާރާ ޔަޤީންކަން ލިބިގެންދާނެފަދަ ގޮތަކަށް ޚިދުމަތް ފުޅާ ވެގެން ދިއުމަކީ ލޮބުވެތި ރައްޔިތުންގެ އެންމެ ބޮޑު އެދުމެވެ. ފުލުހުން މަސައްކަތް ކުރަމުންދަނީ މިޤަބޫލު ކުރުމާއެކުގައެވެ.

ރިޔާސީ ލޯންޗް ކޮޅުގައި 2015 ސެޕްޓެމްބަރު 28 ވަނަ ދުވަހު ހިނގި ނުރައްކާތެރި ޙާދިސާގެ ތަޙުޤީޤު ފެށިގެން ކުރިޔަށްދާއިރު އެތަޙުޤީޤާއި، އެއާ ގުޅިގެން ފުލުހުން ތަޙުޤީޤު ކުރަމުންދާ އެހެނިހެން މައްސަލަތަކާ ގުޅިގެން ފުލުހުންގެ ޚިދުމަތުގައި ތިބި ބައެއް ފުލުހުންގެ ފަރާތުން ރައްޔިތުންގެ އިތުބާރާ ޔަޤީންކަން ގެއްލޭފަދަ ކަންކަން ހިނގާފައި ހުރިކަން ވަނީ ހާމަވެގެން ގޮސްފައެވެ.

ރައްޔިތުންގެ އިތުބާރާ ޔަޤީންކަން ގެއްލޭފަދަ ކަންކަން ބައެއް ފުލުހުންގެ ކިބައިން ފެނިގެން ދިޔަކަމަށް ޤަބޫލު ކުރެވޭ ކަންކަން ހުރުމާއެކު ފުލުހުންގެ ޚިދުމަތުގެ އިތުބާރާ ޔަޤީންކަން ދެމެހެއްޓުމަށްޓަކައި ފުލުހުންގެ މުއައްސަސާގެ ހިންގުމަށް ރައީސުލް ޖުމުހޫރިއްޔާ ދާދިފަހުން ވަނީ ބަދަލުތައް ގެންނަވާފައެވެ. މި ބަދަލުތަކާއެކު ފުލުހުންގެ މުއައްސަސާގެ މަސައްކަތުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންގެ އިތުބާރާ ޔަޤީންކަން ލިބިގެންވާ މުއައްސަސާއެއްގެ ގޮތުގައި ދިވެހި ފުލުހުންގެ މުއައްސަސާ ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުމެވެ.

މިގޮތުން ފުލުހުންގެ ތެރޭގައި ހުރި ރައްޔިތުންގެ އިތުބާރު ގެއްލޭފަދަ ކަންކަން ބަލައި އެކަންކަން އިޞްލާޙް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ފުލުހުންގެ އެގްޒެކެޓިވް ބޯޑާ މެނޭޖްމަންޓު ބޯޑުން ވަނީ ފަށާފައެވެ. އެމަސައްކަތް ހަލުވި ކަމާއެކު ކުރަމުންދާވާހަކަވެސް ދަންނަވަމެވެ. މިދެންނެވި މަސައްކަތްތަކާއެކު ފުލުހުންގެ މުއައްސަސާ އާމެދު ރައްޔިތުންގެ އިތުބާރާ ޔަޤީންކަން އިތުރުވެ، ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކަންމަތީ ދަމަހައްޓާނެ މުއައްސަސާއެއްގެ ގޮތުގައި މި މުއައްސަސާ ފެނިގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ. އަދި ފުލުހުންނާ ގުޅުންހުރި މައްސަލަތައް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑް މެދުވެރިކޮށް ބަލައި ފިޔަވަޅު އަޅަންޖެހޭ ފުލުހުންނަށް ފިޔަވަޅު އަޅާނެކަމުގެ ޔަޤީންކަން މި ފުރުޞަތުގައި ލޮބުވެތި ރައްޔިތުންނަށް ދެމެވެ. މިގޮތުން ފިޔަވަޅު އެޅުމުގައި ވަކިރޭންކެއްގެ ފުލުހެއް އިސްތިސްނާ ނުކުރާނެކަމުގެ ޔަޤީންކަންވެސް އަރުވަމެވެ.

ފުލުހުންގެ މުއައްސަސާއިން ދިވެހި ފުލުހުންނާ މުވައްޒަފުން ރައްޔިތުންނަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރަމުންދާއިރު ފުލުހަކު ނުވަތަ ފުލުހުންގެ ތެރެއިން މަދު ބަޔަކު ކުރާ ކަމެއްގެ ސަބަބުން ހުރިހާ ފުލުހުންނަށް އަދި މުޅި މުއައްސަސާ އަށް އެކަމުގެ ތުހުމަތު ކުރެއްވުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމުގައި ދެކެމެވެ. މިއާއެކު ފުލުހުންގެ މުއައްސަސާގެ ޤަދަރާ ހައިބަތު ނައްތާލަން މަސައްކަތް ކުރަމުންދާނަމަ އެފަދަ މަސައްކަތްތައް ހުއްޓާލުމަށް އިލްތިމާސް ކުރަމެވެ.

ފުލުހުންގެ ޕްރޮފެޝަނަލިޒަމް ހިފަހައްޓައި، އުޞޫލުތައް ހަރުދަނާކޮށް ޚިދުމަތުގެ ފެންވަރުމަތިކޮށް، ޚިދުމަތް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތުގައި ލޮބުވެތި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް މިމުއައްސަސާ އަށް ދެއްވައި، މިޚިދުމަތް ފުރިހަމަ ޚިދުމަތެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ލޮބުވެތި ރައްޔިތުން ދެއްވާ ޕްރޮފެޝަނަލް ޚިޔާލުފުޅުތަކަށް ފުލުހުންގެ މުއައްސަސާއިން މަރުޙަބާ ކިޔާނެ ވާހަކަ ދަންނަވަމެވެ.

ފުލުހުންގެ މުއައްސަސާއިން ދެމުންދާ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ފުލުހުންގެ ސަފުތައް ބަދަހިކަމާއެކު ސާބިތުވެ އޮތްކަމުގެ ފުރިހަމަ ޔަޤީންކަން މިފުރުޞަތުގައިވެސް ލޮބުވެތި ރައްޔިތުންނަށް ދެމެވެ.